ވ. ފުލިދޫ ބަނދަރު ހެދުމުގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އާއި ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓް އަގަކީ 63،466،824.24 ރުފިޔާއެވެ. މަސައްކަތް ނިންމުމަށް ކޮންޓްރެކްޓްގައި ކަނޑައަޅާފައިވާ މުއްދަތަކީ 465 ދުވަހެވެ.
މި މަޝްރޫޢުގެ ދަށުން އަލަށް ހަދާ ބަނދަރު ފުންކޮށް، 334 މީޓަރުގެ ކީވޯލް ޖެއްސުމާއި، 351 މީޓަރުގެ ބޭރު ތޮށި ހެދުމާއި، 593 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ބަނދަރުގެ ޕޭވްމަންޓާއި، ފެންހިންދާ ނިޒާމް ހެދުމާއި، މަގު ބައްތި އަދި ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. މި މަޝްރޫޢު ނިމުމުން ފުލިދޫ ރައްޔިތުންނަށް ދަތުރުފަތުރުކުރުމާއި، މަސްވެރިކަމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.





