ސެޕްޓެންބަރު 16 ވަނަ ދުވަހުގެ މުޒާހަރާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހަދަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި މިމަހުގެ 16 ވަނަ ދުވަހު ކުރިއަށްދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހަދަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މި މުޒާހަރާއާ ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން، ރައްޔިތުންގެ މަޖިލީހުގެ ގެ ސަރަހައްދުގައި މުޒާހަރާކުރާ ފަރާތްތައް ހަރަކާތްތެރިވާން ފެށުމާއެކު، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއި، އަމަން އަމާންކަން ދެމެހެއްޓުމަށް އޮފިސަރުން އެ ސަރަހައްދަށް ޑިޕްލޮއިކުރެވިފައިވާ ކަމަށެވެ.

"އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2013/01) ގެ 24 ވަނަ މާއްދާގެ ދަށުން، ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ކަނޑައަޅައި އާންމުކޮށް އިއުލާނުކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުއްދައެއް ލިޔުމުން ލިބިގެން މެނުވީ، އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ނުބޭއްވޭނެ"، ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިފަދަ ހުއްދައެއް ދީފައި ނުވާތީއާއި، ރައްޔިތުންގެ މަޖިލީހުގެ ގެ ހިމެނޭ ސަރަހައްދު އެއްވުންތައް ބޭއްވުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ނުހިމެނޭތީއާއި، ރައްޔިތުންގެ މަޖިލީހުގެ ގެ ހިމެނޭ ސަރަހައްދަކީ ގާނޫނު ނަންބަރު 2013/01 ގެ 24 ވަނަ މާއްދާގެ (ނ) އިންވެސް އެއްވުން މަނާ ސަރަހައްދަކަށްވާތީއާއި އަދި އެ ސަރަހައްދަކީ ސްކޫލްތައްވެސް ހިމެނޭ ސަރަހައްދަކަށްވުމާއެކު، 2025 ސެޕްޓެމްބަރު 16 ވަނަ ދުވަހު ބޭއްވި އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށެވެ.

އެހެންކަމުން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނީ، ގާނޫނާ ހިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، މި މުޒާހަރާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ ސަލާމާތީ އޮޕަރޭޝަނަށް، އެއްވުމުގެ ބައެއް ބައިވެރިން ހުރަސް އަޅައި ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށާއި، އެހެންކަމުން، އަމަން އަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންނާއި މަޖިލިސް މެންބަރުގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ތަކުރާރުކޮށް އެދިފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއެކު އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭ އަދި ބެޓަންފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެކަން ފާހަގަކުރަން. މުޒާހަރާ ކޮންޓްރޯލް ކުރުމުގައި، ކޮންމެހެން އެހެންގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއްގައި ފިޔަވައި، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކޮށްފައިވާނީ މަޝްވަރާކޮށް، ވާހަކަ ދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަނުދީ ރައްކާތެރިކަން ކަށަވަރު ކުރުން"، ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން، މުޒާހަރާ ރޫޅައިލުމުގައިވެސް، މިފަދަ އޮޕަރޭޝަންތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކޮށް، މުޒާހަރާގެ ބައިވެރިން ވާނީ އެ ސަރަހައްދުން ދުރަށް ޖައްސާފައި ކަމަށާއި، މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސައި ހާލަތު ކޮންޓްރޯލް ކުރުމުގައިވެސް، ކުރިން ދެންނެވުނު ފަދަ އެއްވެސް ބާވަތެއްގެ ބާރުގެ ބޭނުމެއް ކޮށްފައިނުވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

"މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫންކަން ފާހަގަކުރަން. އޮޕަރޭޝަންގެ ހުރިހާ މަރުހަލާއެއްގައިވެސް، ފުލުހުން އަމަލުކޮށްފައިވަނީ އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށް، އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެން"، ފުލުހުންގެ ބަޔާނުގައި ވެއެވެ.

"ކަމުގެ ހަގީގަތް އޮޅޭގޮތަށް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯއާ ގުޅޭގޮތުން ދަންނަވަން. އެ ފޮޓޯތަކަކީ، ގާނޫނާ ހިލާފު އެއްވުމެއްގައި ބައިވެރިވި މީހެއް ފުލުހުންގެ ސަފު ތެރެއަށް ވަދެގަނެ، ވަކި އެންގަލްއަކުން ފޮޓޯ ނެގިފައިވުމުގެ ސަބަބުން ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް"، ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ހިމެނޭގޮތުން، އެންމެހައި ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވައިފައެވެ.

މީގެއިތުރުން، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ދައުލަތުގެ މުހިންމު މުއައްސަސާތައް ހިމާޔަތްކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު، ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން މިހާރު ދަނީ، 2025 ސެޕްޓެމްބަރު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ކުރަމުން ކަމަށާޢި، މި ރިވިއުގެ ނަތީޖާއިން، ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް