ގަވާއިދާ ހިލާފަށް އުޅެމުންދިއަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުގެ ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން 10 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިކަން ހާމަކޮށް އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންތަކުގެ ދަށުން، ޓާސްކް ފޯސްއިން ސެޕްޓެންބަރު 16 ވަނަ ދުވަހުގެ ރޭ ވަނީ ހުޅުމާލޭގެ ހައިވަކަރު މަގުގައި ހިމެނޭ އެކޮމޮޑޭޝަން ބްލޮކްތަކާއި އެ ސަރަހައްދުގައި އުޅޭ ބިދޭސީން ހިމެނޭހެން 40 ބިދޭސީއަކު ބަލައި ފާސްކޮށް، އޭގެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިއަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދެވޭ ހާއްސަ ތަމްރީނުގެ ދަށުން މި ރެއިޑުގައި "އިމިގްރޭޝަން އޮފިސަރ ޓްރެއިނީސް" ވަނީ ބައިވެރިވެފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްޞަ އޮޕަރޭޝަންތައް ދަނީ އިމިގްރޭޝަނުން މިހާރު ހިންގަމުންދާއިރު، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން، އިމިގްރޭޝަނުން ވަނީ މިއަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފައިވެއެވެ. މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް