ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، އޮނަރަބަލް ސަރްދާރް އަޔާޒް ޞޯދިޤްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއިބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި، 20 ވަނަ ރައްޔިތުންގެ މަޖިލީހާއެކު މޯލްޑިވްސް-ޕާކިސްތާން ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕް އަލުން އުފެއްދުމުގެ ސަބަބުން ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި، ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ވާހަކަފުޅުދައްކަވަމުން، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނާ އެކުގައިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކުރި އިސްރާއީލުގެ ޕާސްޕޯޓު ބޭނުންކުރާ ފަރާތްތައް ދިވެހިރާއްޖެއަށް ވަނުން މަނާކުރާ ޤާނޫނަށް އަލިއަޅުއްވާލެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް