މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތު ގައި ހުޅުމާލެ ފޭސް 1 އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މަހު 15 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ފޭސް 1 ކަންނެލި ޖެޓީ ސަރަހައްދުން ސައިކަލެއްގައި ދިޔަ ދެ މީހެއްގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން ފުލުހުން އެންގުމުން އެ މީހުން ވަނީ މަޑުނުކޮށް ގޮސްފައެވެ. އެހެންކަމުން އެ މީހުން ފަހަތުން ފުލުހުން ގޮސް ސައިމާ ހިނގުން ފްލެޓްތައް ސަރަހައްދުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން  ސ. ހިތަދޫ / ގުލްބަކާގެ، މުޙައްމަދު ނާޒިޝް ނާޘިމް (29އ) އާއި މާލެ / މއ. އަރާހަނދު، ނާޢިމް ޢަބްދުއްރަޝީދު (18އ) ހައްޔަރުކޮށް އަދި އެ މީހުން ދުއްވި ސައިކަލު ވަނީ ޓޯކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް .ފަސްދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ

މީގެ އިތުރުން، މި މަހު 13 ވަނަ ދުވަހު ވެސް ހުޅުމާލެ ފޭސް 1 ގެ ސައިމާ ހިނގުން ސަރަހައްދު ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް