ސްވިޑަންގެ ސަފީރާއި، ޓްރާންޕޯޓް މިނިސްޓްރީގެ އިސްވެރިންނާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ދިވެހިރާއްޖެއާއި ސްވިޑަންއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، މުސްތަޤްބަލުގައި އެކުލެވޭ އެކި ފުރުސަތުތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ އިސްވެރިންނާއި، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސްވިޑަންގެ ސަފީރު، ހިޒް އެކްސެލެންސީ ޖޭން ތެސްލެފްއާ ދެމެދުގައެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ޖޭން ތެސްލެފްގެ އަރިހުގައި ސްވިޑަންގެ ޕޮލިޓިކަލް އެފެއާޒްގެ ބޭފުޅެއް ކަމަށްވާ މިސްޓަރ ކްރިސްޓޮފަރ އޮރޭ އާއި، ދިވެހިރާއްޖެއަށް ސްވިޑަންގެ އޮނަރަރީ ކޮންސަލްގެ މަޤާމު އަދާކުރައްވަމުން ގެންދަވާ މަރިޔަމް ވަޙީދާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި މިހާރުވެސް އޮތް އެކުވެރި ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވާނެ ގޮތްތަކާއި، ޚާއްސަކޮށް ޓްރާންސްޕޯޓް އަދި ސިވިލް އޭވިއޭޝަން ދާއިރާއިން އާ ދޮރުތަކެއް ހުޅުވޭނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރެވުނެވެ. ދެ ފަރާތުންވެސް ވަނީ މި ދާއިރާތަކުން ކުރިއަށް އޮތް ތަނުގައި އެއްބާރުލުން އިތުރުކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވާ، ޚިޔާލު ބަދަލުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް