ސީއެސްސީގެ ރައީސަކަށް މުޖުތާޒް، ނައިބަކަށް ނާސިޙް އައްޔަނުކުރުމަށް ފާސްކޮށްފި

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަން ފޮނުއްވެވި ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުތަކުގައި ތިބި މެންބަރުންގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އެ ކޮމިޝަނަށް އަލުން ބޭފުޅުން އައްޔަން ކުރައްވާފައިވާއިރު ކޮމިޝަންގެ ރައީސަކަށް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް، އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އަދި ސިވިލް ސަރވިސް ކޮމިޝަންގެ ނައިބުރައީސްގެ މަގާމަށް މުޙައްމަދު ނާސިހު އައްޔަން ކުރެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. ނާސިހު މީގެ ކުރިން ހުންނެވީ ސީއެސްސީގެ ރައީސްގެ މަގާމުގައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމަށްފަހު ނިންމެވީ ދެ ބޭފުޅުންވެސް މަގާމުތަކަށް ޝަރުތުހަމަވާ ކަމަށް ފެންނަ ކަމަށެވެ. އެހެންވެ މަޖިލީހުންވެސް ވަނީ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. އެގޮތުން ސީއެސްސީގެ ރައީސަކަށް މުޖުތާޒް އައްޔަން ކުރެއްވުމަށް ފާސްވީ 68 މެންބަރުންގެ ވޯޓުންނެވެ. އަދި ނައިބު ރައީސަކަށް ނާސިޙް އައްޔަން ކުރެއްވުމަށް ފާސްވީ 64 މެންބަރުންގެ ވޯޓުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް