ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ހަވާލުކުރަން ފަށައިފި
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ހަވާލުކުރަން ފަށައިފިކަމަށް ހައުސިން މިނިސްޓަރު އަބްދުލް މުއްތަލިބު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވައި މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޮނިހިރު ދުވަހު އެ މަސައްކަތް ފަށާފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިވަގުތު ކޮންޓްރެކްޓަރުން ވަގުތީ ކޮންސްޓްރަކްޝަން ސައިޓްތަކެއްގެ ގޮތުގައި ބޭނުންކުރަމުންދާ ބިންތައް، އެ ސައިޓްތައް ހުސްކުރުމުން ހަވާލުކުރާނެ ކަމަށެވެ. އެ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 1،200 އަށްވުރެ ގިނަ ގޯތީގެ ރަޖިސްޓްރީ ހައުސިން މިނިސްޓްރީން މިހާރު ވަނީ ދޫކޮށްފައެވެ. ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު ގެނައި ބަދަލާ ގުޅިގެން ގުރުއަތު ނެގުމަށް ފަހު، ގޯތި ލިބިފައިވާ މީހުންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ފެށީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ 3 ސެޕްޓެންބަރު 2025 ވަނަ ދުވަހުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް