ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ބޯޑަށް ތިން މެންބަރުން ޢައްޔަންކޮށްފި

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑަށް ތިން މެންބަރަކު ޢައްޔަންކޮށްފިކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފިއެވެ.

މިކަން ހާމަކޮށް ޕީސީބީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ވ. ފަޝާމަންޒިލް، ޑރ. ޝާހު މާހިރެވެ.

މީގެ އިތުރުން އެ ބޯޑުގެ މެންބަރުކަމަށް މ. ކުރެއްދޫގެ، ޢާއިޝަތު މުޙައްމަދާއި ފުލެޓު ނަންބަރު 10-3-1، ޝިބާނާ ޢަބްދުﷲ ދީދީ ވަނީ ޢައްޔަންކޮށްފައެވެ.

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވީ 9 ސެޕްޓެންބަރު 2025 ގައެވެ.

މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ.

މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް