ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެންނަކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭ ޕެންޝަން މިންވަރު ކުޑަކުރަން ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކުރީގެ ރައީސުންނާއި މަޖިލިސް މެމްބަރުންނަށް ދޭ ބައެއް އިނާޔަތްތައް ކުޑަކުރަން ނިންމަވާފައިވާ ކަން މިދިޔަ ހަފްތާގައި ހާމަކުރެއްވުމާއި ގުޅިގެންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އެ މަނިކުފާނަށްވެސް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެ މަނިކުފާނުގެ ޕޯސްޓުގައި މިކަމަށް ތާޢީދު ކުރައްވާ ވަނީ ޅެންބައިތެއް ހިއްސާކުރައްވާފައެވެ.

"ލިބޭ މިންވަރު ނިކަން ދަނެގެން، ވި ބޭނުންތައް ބަހާލައިގެން، ތިބޭ ނަމައީ ފިކުރުކޮށްގެން، މި ބޭޒާރެއް ނުވެސް ވާނެ."

ކުރީގެ ރައީސުންނާއި މަޖިލިސް މެމްބަރުންނަށް ދޭ ބައެއް އިނާޔަތްތައް ކުޑަކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު، އެ މަނިކުފާނު ވަނީ ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް