މީގެ ފަހުން ތައުލީމީ ސެޓްފިކެޓުތަކުގައި ދެން އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދޭނީ އެމްކިއުއޭއިން އެކަނި

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ދޫކޮށްފައިވާ ލިޔުންތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު އެ އޮތޯރިޓީން އެކަނި ޖަހައިދެވޭ ގޮތަށް، އެކުވަލާލި އުސޫލަކަށް އަމަލުކުރަން ފަށައިފިއެވެ.

އާ އުސޫލުގެ މަގުސަދެއް ކަމަށް އެމްކިޔުއޭއިން ބުނަނީ، އެ އޮތޯރިޓީން ދޫކޮށްފައިވާ އެކި ލިޔުންތަކުގެ ކޮޕީގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމުގައި އެ އޮޓޯރިޓީން އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި، އިޖުރާއަތްތައް އެކުވަލާލުން ކަމަށެވެ. އަދި އެ އޮޓޯރިޓީން ދޫކޮށްފައިވާ ރަސްމީ ލިޔުންތަކުގެ ކޮޕީ އެހެން ފަރާތްތަކަށް ހުށަހެޅުމުގައި އެ ލިޔުންތަކުގެ ސައްހަކަން ފަސޭހަކޮށް، ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން ވެސް ހިމެނެއެވެ.

އެމްކިއުއޭއިން ތައްގަނޑު ޖަހައިދޭ ލިޔުމުގެ މަތީގައި "އަސްލާ އެއްގޮތް ކޮޕީ" ނުވަތަ "އެޓެންސޭޝަން" ލިޔެފައި އޮންނައިރު، މިހާރު މިފަދަ ލިޔުންތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ގާނޫނީ ވަކީލުން މެދުވެރިކޮށް ޖަހައެވެ. ނަމަވެސް، މި އުސޫލާ އެކު، އެ އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހަން ހުށަހަޅަން ޖެހެނީ އެމްކިއުއޭއަށެވެ. ފޯމު ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި ތައްގަނޑު ޖަހައިދެއެވެ.

އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދޭ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ، ވެލިޑޭޓުކޮށްދޭ ސަނަދުތަކުގެ ކޮޕީއާއި އެސެސްމަންޓު ރިޕޯޓު ކޮޕީއާއި ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް ލިޔުމުގެ ކޮޕީއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ސަނަދު ގަބޫލުކުރުމަށް ފަހު ދޫކުރާ ލިޔުމުގެ އިތުރަށް އެމްކިއުއޭއިން ދޫކުރާ އެހެނިހެން ލިޔުންތަކުގެ ކޮޕީގައެވެ.

އެ ސަނަދުތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދިނުމަށް އެމްކިއުއޭއިން ފީއެއް ނަގާނެއެވެ. އެގޮތުން، ވެލިޑޭޓުކޮށްދޭ ސަނަދާއި އެސެސްމަންޓް ރިޕޯޓާއި އިންޓެންޑެޑް ލެޓާގެ ކޮޕީގެ ކޮންމެ ސަފުހާއަކަށް 10 ރުފިޔާގެ ފީއެއް ނަގައެވެ. އަދި، ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށް ފަހު ދޫކުރާ ލިޔުމުގެ ކޮންމެ ސަފުހާއަކަށް ނަގާނީ 20 ރުފިޔާ ކަމަށް އުސޫލުގައިވެއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ސެޓްފިކެޓްތަކުގައި އެމްކިޔުއޭއިން ޖަހައިދެމުންއައި "ރިކޮގްނިޝަން" ތައްގަނޑު 2016 ވަނަ އަހަރުން ފެށިގެން ޖެހުން ވަނީ ހުއްޓާލައިފައެވެ. މި ފަހުން ވަނީ މަތީ ތައުލީމު ހާސިލު ކުރި ކަމަށް ބުނެ ފޭކް ސެޓްފިކެޓް ހުށަހެޅުން ވަރަށް އާއްމުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް