ނޫސްވެރިން ކޮމެޓީއަށް ވަނީ ސިއްރު ބައްދަލުވުމެއްކަން އަންގާފައިވަނިކޮށް: މަޖިލިސް

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ގަދަކަމުން ނޫސްވެރިން ނެރެން ޖެހުނީ ސިއްރު ބައްދަލުވުމަކަށް ގަވައިދާ ޚިލާފަށް ވަދެ، ހުރަސް އެޅުމުން ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިން ނޫސްވެރިން ކޮމިޓީއަށް ވަނީ އެއީ ސިއްރު ބައްދަލުވުމެއްކަން އަންގާފައި ވަނިކޮށް ގަދަކަމުން ކަމަށެވެ.

އަދި، އެ ނޫސްވެރިން ގަދަކަމުން ނެރެން ޖެހުނީ ސިއްރު ބައްދަލުވުމަކަށް ގަވައިދާ ޚިލާފަށް ވަދެ، ކޮމިޓީ ކުރިއަށް ގެންދަން ހުރަސް އެޅުމުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

''މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2025 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުން ކުރިއަށް ގެންދެވުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. ސިއްރު ބައްދަލުވުމެއްގައި ކޮމިޓީގެ މެންބަރުންނާއި ކޮމިޓީގެ ސެކްރެޓޭރިއެޓް ފިޔަވައި އިތުރުބަޔަކަށް އެ ބައްދަލުވުމުގައި ނުތިބެވޭނެއެވެ. އެހެންނަމަވެސް، 3 ނޫސްވެރިއަކު ކޮމިޓީކުރާ ކޮޓަރިއަަށް ވަދެފައި ވަނީ މި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަން އިންޓަރނަލް ސެކިއުރިޓީއިން އަންގާފައިވަނިކޮށް ގަދަކަމުންނެވެ'' މަޖިލީހުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

މަޖިލީހުން އިތުރަށް ބުނީ، ކޮމިޓީ ބައްދަލުވުން ކުރިއަށް ދިޔައީ ސިއްރު ބައްދަލުވުމެއް ގޮތުގައި ކަމަށްވާއިރު، އެތަނުގައި ތިބެވޭނީ ކޮމިޓީގެ މެންބަރުންނާއި ކޮމިޓީގެ ސެކްރެޓޭރިއަޓްއަށް އެކަނި ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް