އައްޑޫގައި އަމިއްލަ ގެދޮރުގައި ގެ އެޅުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އަޅަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު އައްޑު ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މިމަސައްކަތް ކުރިއަށް ގެންދިއުމަށް ކުރެވުނު ދިރާސާގައި ސޯޝަލް ހައުސިންގެ ޔުނިޓްތަކުގެ ކަނޑައެޅިފައިވާ ސަރަޙައްދުތަކުގެ ބަދަލުގައި އަމިއްލަ ފަރާތްތަކަށް ދޫކުރެވިފައިވާ ގޯތިތަކުގައި ހައުސިންގ ޔުނިޓްތައް ޤާއިމުކޮށް ދިނުމަށް ގިނަ ފަރާތްތަކުން އެދިފައިވާތި، ސަރުކާރުން ވަނީ އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

އެހެން ކަމުން މިމަޝްރޫޢުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ އައްޑޫސިޓީގެ ހުރިހާ އަވަށްތަކުގައި ދިރިއުޅޭ ފަރާތްތަކުން ތިރީގައިވާ އޮންލައިން ފޯރމް 30 ސެޕްޓެމްބަރ 2025ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން ފުރުމަށް ވަނީ އެދިފައެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު އަވަށު އޮފީސްތަކުން ލިބެން ހުންނާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

ހައުސިން ޔުނިޓް ހަދަން ސަރުކާރުން ވައުދުވެފައިވާ ރަށްރަށުގައި، ރައްޔިތުން ބޭނުން ނަމަ އެ މީހެއްގެ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅައިދޭނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެއީ އަމިއްލަ ގޯއްޗެއް އޮވެ، އެތަނުގައި އިމާރާތެއް އެޅުމުގެ ތަނަވަސްކަން ނެތް ނަމަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް