މާލޭގެ މަގުތަކަށް ކުނިއަޅައި ހަޑިކުރާ ބިދޭސީންނަށް ފިޔަވަޅު އެޅުމާމެދު މަޝްވަރާކޮށްފި

މާލޭ ސިޓީގެ މޭޔަރ އާދަމް ޢާޒިމް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ރިޓަޔަރޑް އަޙްމަދު ފަޞީޙްއާ ބައްދަލުކުރައްވައި މާލޭގެ މަގުތަކަށް ކުނިއަޅައި ހަޑިކުރާ ބިދޭސީންނަށް ފިޔަވަޅު އެޅުމާމެދު މަޝްވަރާ ކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި، މާލޭ ސިޓީގެ މަގުތަކަށް ކުނިއަޅައި، މަގުތައް ހަނޑިކުރާ ބިދޭސީންނާ މެދު އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން، ތަފްޞީލީ މަޝްވަރާތައް ކުރައްވާފައިވެއެވެ.

މޭޔަރ އާދަމް ޢާޒިމް ވަނީ މިފަދަ ކަންކަން ހުއްޓުވުމަށް، އެޅިދާނެ އަމަލީ ފިޔަވަޅުތަކާ ގުޅޭގޮތުން ޚިޔާލު ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، އިމިގްރޭޝަނުން ބަލަހައްޓަމުންދާ ބިދޭސީންގެ ދަފްތަރު މާލޭ ސިޓީ ކައުންސިލާ ހިއްސާކުރުމާއި، ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް ކައުންސިލުން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް، މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.

މާލޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި، ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން މޭޔަރ އާދަމް ޢާޒިމް ފާހަގަކުރެއްވިއެވެ. މި މަޝްވަރާތަކުގެ ސަބަބުން، މާލޭ ސިޓީގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، މިބައްދަލުވުމުގައި މޭޔަރ ޢާޒިމް ފާހަގަ ކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ ކޮންމެ މަގެއް ވެސް ހިތް ފަސޭހަ ކަމާއެކު އޮންނަ މަގަކަށް ހެދުމަށް ކައުންސިލުން ބޭނުންވާ ކަމަށާއި، މަގުތަކުގައި ހުންނަ ކާނުތަކުގައި ކުނި ގިނަވުމުގެ ސަބަބުން އެކި ދަތިތަކާއި ކުރިމަތިލާން ޖެހި، އެއީ ރައްޔިތުންނަށް ދިމާވާ ބޮޑު މައްސަލައެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް