ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ދޮންފަނުގެ ބަނދަރާއި ގޮޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރާނެ: ވަޒީރު
ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ދޮންފަނުގެ ބަނދަރާއި ގޮޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ބ. ދޮންފަނުގެ ބިން ހިއްކުން ކުރިއަށް ނުގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނަމަވެސް އެ ރަށުގެ ބަނދަރު ހަދައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ރަށުގެ ބިން ހިއްކުމާއި ބަނދަރުގެ ނެރު ބަދަލުކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިނިސްޓްރީން ހަވާލުކުރީ މިދިޔަ މަހު ރައީސް އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ. ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ހިންގެވުމަށް ނިންމެވި ބިންހިއްކުމުގެ މަޝްރޫޢު ހިންގަން މިހާރު އެ ރަށު ރައްޔިތުން ބޭނުން ނުވާތީ، ދެން އެ މަޝްރޫޢު ކުރިއަށް ނުގެންދަވާނޭކަން އިޢުލާންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު ނިންމަވާފައެވެ. އެގޮތުން، ރާއްޖޭގެ ރަށްރަށުގައި އެކި މަސައްކަތްތައް ހިންގެވުމަށް ވަޢުދުވެވަޑައިގަންނަވަނީ، އެ ރަށެއްގެ ރައްޔިތުން އެ ކަންކަމަށް އެދުމުން ކަމަށާއި، ރައްޔިތުން ބޭނުން ނުވާ ކަމެއް، މި ސަރުކާރަކުން ނުކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ދޮންފަނު ބިންހިއްކުމުގެ މަޝްރޫޢުގައި ސޮއިކޮށްފައިވާ ނަމަވެސް، ބިންހިއްކުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ބަދަލުވެފައިވާތީ، އެ މަސައްކަތް ކުރިއަށް ނުގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު، ސަރުކާރުގެ ކަމާ ބެހޭ ވުޒާރާއިން، ދޮންފަނު ރަށު ކައުންސިލަށް، ރަސްމީކޮށް އެކަން އަންގަވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.  

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް