ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއެކު މަޝްވަރާކޮށްފި

މިއަހަރުގެ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ހިންގިދާނެ ހަރަކާތްތަކާ ބެހޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ދެމެދު މަޝްވަރާތައް ބޭއްވިއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަހެވެ. މީލާދީ ގޮތުން މި އަހަރު އެ ދުވަހަކީ މި ސެޕްޓެންބަރު މަހުގެ 24ވަނަ ދުވަހެވެ.

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް އިއްޔެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ އެކީ ބޭއްވުނު ބައްދަލުވުމުގައި މައިގަނޑު ތިން ދާއިރާއެއްގެ މައްޗަށް މަޝްވަރާކުރެވުނެވެ. އެއް ކަމަކީ ރާއްޖެއަށް އިސްލާމް ދީނުގެ ހިޔާވަހިކަން ލިބުމުގެ މަތިވެރިކަމާއި އިސްލާމްދީނުގެ ސަބަބުން ދިވެހީންގެ ދެމި ތިބުމާއި ސަލާމަތަށް ފޯރި ހެޔޮ އަސަރުތަކުގެ މައްޗަށް މިއަހަރުގެ ހަރަކާތްތައް ބައްޓަންކުރުމެވެ. މިއަހަރު ހިންގޭ ހަރަކާތްތަކުންދޭ މައިގަނޑު މެސެޖަކީ އެއީ ކަމުގައި ހެދުމެވެ.

ފާހަގަކުރެވުނު އަނެއް ކަމަކީ އެކި އޯޑިއަންސަށް ކަމުދާ އެކި ބާވަތުގެ ހަރަކާތް ހިންގުމެވެ. އޭގެ ތެރޭގައި ކުޑަ ކުދީންނަށް ޚާއްޞަ ހަރަކާތްތަކާއި، ބޮޑެތި މީހުންނާއި ޒުވާނުންގެ ބައިވެރިވުން ލިބޭނެ ގޮތަށް ހިންގިދާނެ ކަންކަމާއި މާލެއާއި، މުޅި ރާއްޖެއަށް އަމާޒުކޮށް ހިންގާނެ ހަރަކާތްތަކެވެ.

މި އަހަރަކީ ރާއްޖެ އިސްލާމްވިތާ 899 އަހަރު ފުރޭ އަަހަރެވެ. އަންނަ އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ އަހަރެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް