ރާއްޖެއިން، ފޯ ސީޒަންސް ސާފިން ޗެމްޕިއަންސް ޓްރޮފީ 2025ގައި ބައިވެރިވެއްޖެ

ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ނިޔާޒާއި މިނިސްޓްރީގެ އިސްވެރިންގެ ވަފުދެއް، ދުނިޔޭގެ މަޝްހޫރު ފޯ ސީޒަންސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ 2025 ގެ 13 ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގެންފިއެވެ. މި މުބާރާތް ކުރިއަށް ދަނީ ފޯ ސީޒަންސް މޯލްޑިވްސް ކުޑަހުރާގައެވެ.

މިފަދަ ބައިނަލްއަޤްވާމީ ފެންވަރުގެ ކުޅިވަރު މުބާރާތްތަކުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތުމަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް، ޚާއްސަކޮށް ސާފް ޓޫރިޒަމް ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. ރާއްޖޭގެ ރީތި ރާޅުތަކާއި ހިތްފަސޭހަ މާހައުލަކީ ދުނިޔޭގެ ސާފަރުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުކަން ހޯދާފައިވާ ކަމެކެވެ.

ފޯ ސީޒަންސް ސާފިން ޗެމްޕިއަންސް ޓްރޮފީއަކީ ސާފިންގެ ރީތިކަމާއި، މުޖުތަމަޢުގެ ބައިވެރިވުމާއި، ދިވެހިރާއްޖޭގެ ދުނިޔޭގެ ފެންވަރުގެ ރާޅުތައް ފާހަގަކުރުމަށް ބާއްވާ ހުނަރުވެރި މުބާރާތެކެވެ. މި މުބާރާތުގެ ތެރެއިން، ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަމާއި، މެހެމާންދާރީގެ ސިފަތައް ދުނިޔެއަށް ފެނިގެންދާނެކަމަށް އުންމީދު ކުރެވެއެވެ. މިފަދަ މުބާރާތްތަކުގެ ސަބަބުން ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ސާފިން މަންޒިލެއްގެ ގޮތުގައި އިތުރަށް ބަދަހިވެ، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް