މާދަމާރޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރަނީ

މާދަމާރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަންގައިފިއެވެ.

ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާއެއްގައި އެ ވުޒާރާއިން ބުނީ، މާދަމާރޭ ރާއްޖޭގެ ގަޑިން 8:28 ހާއިރު ހަނދުކޭތަ ހިފަން ފަށާނެ ކަމަށާއި، އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނީ އެ ރޭ 11:11 ހާއިރު ކަމަށެވެ. ހަނދުކޭތަ ވީއްލާނީ މެންދަމުން އަލިވެ 1:55 ހާއިރު ކަމަށާއި އެހެންކަމުން މާދަމާރޭ 11:12 ގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކައުންސިލްތަކަށް އެ ވުޒާރާއިން ވަނީ އަންގާފައެވެ.

އަދި ކޭތަ ނަމާދުގެ ޚުތުބާ މާދަމާ މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް އެ ސާކިއުލާގައި ފާހަގަކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން އެ ސާކިއުލާ ކައުންސިލްތަކަށް ފޮނުވީ މިއަދެވެ.

ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ. އަދި ހަނދު ފުސް ރަތް ކުލައެއްގައި ފެންނަނީ ނުވަތަ ބްލަޑް މޫންއަކަށް ވަނީ އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅޭތީއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް