ބިދޭސީން ރެގިއުލަރައިޒޭޝަން ކުރުމަށް މާސް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަނީ

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރެގިއުލަރައިޒޭޝަން ކުރުމަށް މާސް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު ވަނީ މަސައްކަތްތަކެއް ފަށާފައެވެ.

ރާއްޖޭގައި ޤަވާއިދާޢި ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ބިދޭސީން ޤަވާއިދަށް ފެއްތުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ބިދޭސީން ރެގިއުލަރައިޒޭޝަން ކުރުމަށް މާސް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މި ޕްރޮގްރާމުގެ ތެރެއިން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މީހާއަށް ސިސްޓަމްގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ސްޓޭޓް މިނިސްޓަރ ވަނީ ޤަވާއިދުގެ ތެރެއަށް ބިދޭސީން ވަނުމުގެ ފުރުސަތުގެ ބޭނުން ހިފުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މި ކަމަށް މަދުވެގެން 6 މަސްދުވަހުގެ މުއްދަތެއް ލިބިގެންދާނެކަން ސްޓޭޓްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން އުޅޭ މައްސަލަ ބޮޑުވެ ރެގިއުލޭޓްކުރުމަށްޓަކާ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 2ވަނަ ދުވަހުއެވެ.

ސްޓޭޓް ވިދާޅުވީ މި މަސައްކަތުގެ ދަށުން މިހާތަނަށް އެއްލައްކަ ފަސްދޮޅަސް ހަ ހާހަށްވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.

ކުރަނގި އޮޕަރޭޝަން ނިމޭއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް ސަރުކާރުން ދެކެއެވެ. މީގެ އިތުރަށް ރާއްޖެއަށް ބިދޭސީން ގެނައުމުގައި މިހާރު އޮތް ދަތިކަން ވެސް ފިލާނެ ކަމަށް ގަބޫލުކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް