ހުވަދުއަތޮޅު ދެކުނުބުރި ކައުންސިލާ ވަޒީރު ޝިޔާމް ބައްދަލުކުރައްވައިފި

ހުވަދުއަތޮޅު ދެކުނުބުރި ކައުންސިލާ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައްދަލުކުރައްވައިފިއެވެ.

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރަގައި މިއަދު ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި ހުވަދުއަތޮޅު ދެކުނުބުރީގެ މަސްވެރިކަމާއި ގުޅުހުންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝިޔާމްގެ އިތުރުން ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހުވަދުއަތޮޅު ދެކުނުބުރީ ކައުންސިލްގެ އިސްބޭފުޅުންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ހުވަދުއަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާ އަދި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ވަޒީރާ ހިއްސާ ކުރައްވާފައެވެ. އަދި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ވަނީ އެ އަތޮޅުގެ މަސްވެރިންގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ރޭވިފައިވާ ކަންކަމުގެ ވާހަކަވެސް ވަޒީރާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓްރީއާއި ގުޅިގެން ހުވަދުއަތޮޅު ދެކުނުބުރީގައި، މަސްވެރިކަމާއި އަދި ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން ނަފާ އިތުރުކުރުމަށް ކުރެވިދާނޭ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ހުވަދުއަތޮޅުގައި ސަރުކާރުން ކުރަން ރާވާފައިވާ މަސްވެރިކަމާ ގުޅުންހުރި މަޝްރޫއުތަކުގެ މައުލޫމާތު ވަޒީރު ވަނީ އަތޮޅު ކައުންސިލާ ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ހުވަދުއަތޮޅު ދެކުނުބުރި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ވަޒީރު ގެންދަވަނީ މަސްވެރިންގެ ގާތަށް ވަޑައިގެން މަސައްކަތް ކުރައްވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް