ރައީސްވެސް ވަނީ ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މި މަހު 25 ގައި ބޭއްވި ޖަލްސާގައި، އެ ބިލުގައިވާ ގޮތަށް މީޑިއާތައް ރެގިއުލޭޓްކުރަން އުފައްދާ ކޮމިޝަނަށް ރައީސަކު އައްޔަންކުރަން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށާއި އަދި އެމަނިކުފާނުގެ އެއްވެސް ބާރެއް ނޯންނަ ގޮތަށް އެ ބިލު އިސްލާހުކުރަން މަޖިލީހުގެ ޕީއެންސީގެ މެމްބަރުން ދަންނަވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ނޫސްވެރިކަން ރެގިއުލޭޓް ކުރުމަށް ގާނޫނީ ބާރު ލިބިދޭ ގޮތަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު މަޖިލިހާށް ހުށަހެޅުއްވި ބިލުގައިވާ ގޮތުން، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަށް މަޖިލީހުގެ ރުހުމާ އެކު، ތިން މެމްބަރުން އައްޔަންކުރުމުގެ ބާރު ލިބެނީ ރައީސަށެވެ. ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑައަޅުއްވަނީ އެ ބިލުގައިވާ ގޮތުން ރައީސެވެ.
"ސަރުކާރުގެ ސްޓޭންޑް އަޅުގަނޑު އިރުކޮޅެއް ކުރިން ދަންނަވައިފިން. އަނބުރާ ގެންދިއުމާއި ނުގެންދިއުމާ ގުޅޭ ގޮތުން އަޅުގަނޑު މި ވަގުތު އެއްވެސް ކޮމެންޓެއް ކުރާކަށް ނެތިން. ޕީއެންސީގެ މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ލަފާފުޅު. އަޅުގަނޑު ދެންނެވީ ސަރުކާރެއް ތާއީދެއް ނުކުރާނެޔޭ، ރައީސެއް ތާއީދެއް ނުކުރައްވައޭ މީޑިއާ ކޮންޓްރޯލްކުރާ ކަމަށް ތިބޭފުޅުން ތި ވިދާޅުވާ ގޮތަކަށް އެއްވެސް ކަމެއް ދާކަށް،... މީޑިއާގެ ބަސް އަޑުއަހައިގެން މީޑިއާ ވެސް ބޭނުންވާ ގޮތަކަށް މަޖިލީހުން އެ ބިލު ފާސްވެގެން ދާނީ އަޅުގަނޑު ދެކޭ ގޮތުގައި" ޚަލީލް ވިދާޅުވި އެވެ.
މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ މި ބިލާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ. ޚަލީލް ވިދާޅުވީ، ބިލު ބަލައިގަތީ ކަމަށާއި އަދި މަޖިލީހުން އެ ބިލު ފާސްކުރުމާމެދު ގޮތެއް ނުނިންމާކަމަށާއި، ސަރުކާރުގެ އަމާޒަކީ ނޫސްވެރިން "ތަޅުއެޅުވުން" ނޫންކަމަށެވެ.





