މުޒާހަރާއާ ގުޅިގެން އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައި ނުވާނެ: ވަޒީރު އިހްސާން

މީޑިއާ ބިލާމެދު ހިތްހަމަނުޖެހިގެން ނޫސްވެރިން އިއްޔެ ކުރި މުޒާހަރާގެ ތެރެއިން އަދި އެ މުޒާހަރާއާ ގުޅިގެންވެސް އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައި ނުވާ ކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިއްޔެގެ މުޒާހަރާއިން ހައްޔަރުކުރި ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައްވައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

މިކަން ހާމަކޮށް ވަޒީރު ވިދާޅުވީ، ނޫސްވެރިން މުޒާހަރާކުރަމުން ދިޔައީ ގްރީން ޒޯނެއްގައި (ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާ ރަސްމީ ގެކޮޅު ކުރިމަތީގައި) ކަމަށްވެފައި، އެއީ ސީދާ ޤާނޫނާ ޚިލާފު ކަމެއް ކަމުގައިވުމުން، ފުލުހުންގެ ބަހަށް އެތައް ފަހަރެއްގެ މަތިން ބުނުމުންވެސް ނުކިޔަމަންތެރިވުމުން، ބައެއް ނޫސްވެރިން ސެކިއުރިޓީ ޒޯނުން ބޭރަށް ނެރެފައިވާނެ ކަމަށެވެ.

ވަޒީރު ވަނީ ޚާއްޞަކޮށް މަތީ ފަންތީގެ މުހިންމު މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުން ނުރަނގަޅު މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ.

ނޫސްވެރިން އިއްޔެ މުޒާހަރާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން އިއްޔެ ބަލައިގެންފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާ ދެކޮޅަށެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މި ބިލު ބަލައިގަތުމާމެދު ނެގި ވޯޓުގައި ބިލު ބަލައިގަންނަން ފެންނަ ކަމަށް 49 މެންބަރުން ވޯޓުދެއްވިއިރު، 12 މެންބަރުން ވަނީ ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ.

މި ބިލު ހުށަހެޅުމުގެ މަޤުޞަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި، ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފްކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމެވެ.

މި ބިލުގައިވާ ގޮތުން ބިލަށް ޢަމަލުކުރަން ފެށުމާއެކު މިހާރު އޮތް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލުމަށްފަހު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފެދިގެންދާނެއެވެ. މި ކޮމިޝަންގައި ހަތް މެންބަރުން ތިއްބަވާނެ ކަމަށާއި، އޭގެ ތެރެއިން ތިން މެންބަރުންނާއި ކޮމިޝަންގެ ރައީސް ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ބާކީ ތިން މެންބަރުން އިންތިޚާބުކުރާނީ ރަޖިސްޓްރީ ކުރިތާ ފަސް އަހަރުވެފައިވާ މީޑިއާތަކުން ވޯޓު ދީގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މި ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ޚިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދުތަކުން ޖޫރިމަނާކޮށް ރަޖިސްޓްރީ ބާޠިލް ކުރެވޭނެ ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން މީޑިއާއެއްގެ މައްސަލަ ބަލަމުން ދަނިކޮށް ވަގުތީ ގޮތުން ހިފެހެއްޓުމާއި، ކޯޓަށް ގޮސްގެން އެ މީޑިއާއެއްގެ ރަޖިސްޓްރީ ބާޠިލްކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވާއިރު، ނޫސް ވެބްސައިޓުތައް ބްލޮކްކުރުމުގެ އިތުރުން ޓީވީގެ ބްރޯޑްކާސްޓް ހުއްޓުވަން އެންގުމުގެ ބާރުވެސް މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ.

މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ މި ބިލާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް