ރަސްމާލެ ބިން ހިއްކާ ސަރަހައްދުގައި ޑައިވް ނުކުރުމަށް އެދިއްޖެ

ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް ކުރާ ސަރަހައްދުތަކުގައި އުޅަނދުފަހަރު އަޅައިގެން ނުތިބުމަށާއި، ޑައިވްކުރުން ފަދަ ކަންކަން ނުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެއެވެ.

އެޗްޑީސީން ބުނީ ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއަށް ވެލިނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާތަކުގައި އަދި ބޮރޯ އޭރިއާއާއި ބިން ހިއްކާ ސައިޓާ ދޭތެރޭ ކޮންޓްރެކްޓަރގެ ޑްރެޖަރ 24 ގަޑިއިރު ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

އަދި ބިން ހިއްކުމަށް ވެލިނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާގައި ޑްރެޖަރު ހަރަކަތްތެރިވާނެ ސަރަހައްދާއި ބޮރޯ އޭރިއާއާއި ބިން ހިއްކާ ސައިޓާ ދޭތެރޭ ކޮންޓްރެކްޓަރގެ ޑްރެޖަރ ދަތުރުކުރާނެ ރޫޓުގެ ޗާޓެއްވެސް އެ ކުންފުނިން ވަނީ ޝާއިޢުކޮށްފައެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދުތަކުގައި އުޅަނދުފަހަރު އަޅައިގެން ތިބުމާއި ޑައިވްކުރުން ފަދަ ކަންކަން ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި، މި ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމަށް ސަމާލުކަން ދީގެން ދަތުރުކުރުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ.

ސަރުކާރުން ވަނީ ރަސްމާލެއިން 11،000 ގޯއްޗާއި 26،000 އަށްވުރެ ގިނަ ފުލެޓު ދޫކުރުމަށް ނިންމައިފައެވެ. ރަސްމާލެ ތަރައްޤީކުރަނީ 1،153 ހެކްޓަރުގެ ފުށިދިއްގަރު ފަޅުން 1،009 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.

 

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް