5 އަހަރުގެ ޒަޢާމަތެއްގައި އަތޮޅުތެރޭގައި ރައްޔިތުންނާއެކީ އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ ރައީސް މުއިއްޒު: ވަޒީރު ޝިޔާމް

ހދ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ދަތުރުފުޅު ނިމޭއިރު، އެމަނިކުފާނު ވެވަޑައިގަންނަވާނީ 5 އަހަރުގެ ޒަޢާމަތެއްގައި އަތޮޅުތެރޭގައި ރައްޔިތުންނާއެކީ އެންމެ ގިނަ ވަގުތު ހޭދަކުރެއްވި ރައީސަށްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން، ކުޅުދުއްފުއްޓަށް ރައީސުލްޖުމްހޫރިއްޔާ ރޭ ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ފެނިގެންދިޔައީ ޑިމޮކްރަޓިކް ވެރިއެއްގެ ފަރާތްޕުޅުން ފެންނާނެ އެންމެ ރީތި މިސާލުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުޅުދުއްފުށީގެ މޭޔަރ އަޚު މުޙައްމަދު އާތިފަކީ ރައީސްގެ ސިޔާސަތުތަކަށް މޭޔަރުގެ ސިޔާސީ ވިސްނުންފުޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްކަން ކަނޑައެޅިގެން އެނގިވަޑައިގަންނަވާހާލު ރާއްޖޭގެ އެހެން ގިނަ ރައީސުންނާ ޚިލާފަށް މޭޔަރަށް ޕޯޑިއަމުން ވަގުތުގެ ލިމިޓޭޝަނެއް ކަނޑައެޅުއްވުމެއްނެތި މޭޔަރު ފޫހިފުޅުވަންދެން ވާހަކަފުޅުދައްކަވަން ފުރުސަތު ދެއްވުމަކީ ފެނުނު އާދަޔާ ޚިލާފު ޑިމޮކްރެޓިކް ރީތި ސިފަފުޅެއްކަމަށް ވަޒީރު ސިފަކުރެއްވިއެވެ.

"އަދި ހަމައެއާއެކު ލާމަރުކަޒީ ނިޒާމަށް ޖާގަދެވިފައިވާ ތަންމިނެވެ. އަޅުގަނޑުގެ ހަނދާނަށް އައީ ނިމިދިޔަ ސަރުކާރުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް ވަޑައިގެންނެވި ރަސްމީ ދަތުރުފުޅުގައި ކައުންސިލްގެ ރައީސް އަޚު މުޙައްމަދު ރަޝީދަކީ ސިޔާސީގޮތުން ޚިޔާލު ތަފާތު ބޭފުޅަކަށްވީތީ ޖަލްސާގައި ފުރުސަތު ނުދެއްވި ދުވަހެވެ" ވަޒީރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް މިހާރު ރައްޔިތުންނާ ގާތަށް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިމޭއިރު އެމަނިކުފާނަށް ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށަކަށް ޒަޢާމަތުގެ ފުރަތަމަ 2 އަހަރުތެރޭ މަދުވެގެން 2 ފަހަރަށް ޒިޔާރަތްކުރެއްވުނީކަމަށާއި ރައީސްގެ މި ދަތުރުފުޅު ނިމޭއިރު ދިވެހި ތާރީޚުގައި 5 އަހަރުގެ ޒަޢާމަތެއްގައި ކުރިޔަށް ގެންދެވޭ އެންމެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ހުންނާނީ ފެށިފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް