އިސްރަށްވެހިންގެ ނާދީތައް ޤާއިމުކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ބިނާކުރުމަށް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި

އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމުކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ބިނާކުރުމަށް ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

މިކަން ހާމަކޮށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ މި ތަމްރީނު ޕްރޮގްރާމުގެ ސެޝަންތަކުގައި އިސްރަށްވެހިންނަށް އަމާޒުކޮށް ސްމާޓް ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އަހުލުވެރިކުރުވުމުގެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ގޮތްތަކާއި، އިސްރަށްވެހިންނަށް ޚާއްޞަ ލުއި ކަސްރަތު ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދެވުނުކަމަށެވެ.

އޭގެ އިތުރުން، އިސްރަށްވެހިންގެ ނާދީގައި މަސައްކަތްކުރާއިރު، އިންތިޒާމުކުރެވިގެން ޙަރަކާތްތައް ހިންގާނެ ގޮތްތަކާއި، ވަގުތު މެނޭޖުކުރާނެ ގޮތްތަކާއި، މަސައްކަތުގެ ތާވަލު އެކުލަވާލާނެ ގޮތްތަކާ ގުޅޭގޮތުންނާއި އިސްރަށްވެހިންނާ މުޢާމަލާތުކުރާނެ ގޮތްތަކާއި، އިސްރަށްވެހިންގެ ނާދީގައި ހަރަކާތްތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށް ރަށުގައި ޤާއިމްކުރެވިފައިވާ މުއައްސަސާތަކާ މުޢާމަލާތުކޮށް އެކުވެރިކަން ބަދަހިކުރާނެ ގޮތްތަކާއި، އިސްރަށްވެހިން ހަރަކާތްތަކުގައި ޝާމިލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.

މިއީ އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލީގޮތުން މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާނެ ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ ތަމްރީން ޕްރޮގްރާމެކެވެ.

އިސްރަށްވެހިންގެ ނަފްސާނީ، ޖިސްމާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، ރާވައިގެން ހަރަކާތްތައް ހިންގޭނެ ނާދީތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް