ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ޤާއިމްކުރުމަށް އެޗްޑީސީއާ ހަވާލުކޮށްފި

ހދ. ހިރިމަރަދޫން ހދ. ހަނިމާދޫ އަށް ހިޖުރަކުރާ ރައްޔިތުންނަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމާއި، މުނިސިޕަލް ޚިދުމަތްތައް ޤާއިމްކުރުމުގެ މަޝްރޫޢުގެ ފްރޭމްވޯކް އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހދ. އަތޮޅަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވީ 1 ފެބުރުވަރީ 2025 ގައެވެ. ސަރުކާރުން އެގޮތަށް ނިންމެވީ ހިރިމަރަދޫ ރައްޔިތުންގެ އެދުމުގެ މަތިންނެވެ.

ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ އެންމެ ކުޑަ ރަށް ކަމަށްވާއިރު، އެންމެ ފަހުގެ ބޯހިމުނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ރަށުގެ އާބާދީ އަކީ 293 މީހުންނެވެ. އެ ރަށުގެ އާބާދީ މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެތައް ފަހަރެއްގެ މަތިން އެދިފައިވެއެވެ. އަދި އެ ރަށު ކައުންސިލުންވެސް ވަނީ މީގެ ކުރިން އެ ރަށު ރައްޔިތުން ކ. އަތޮޅު ތުލުސްދޫ އަށް ބަދަލުކޮށްދިނުމަށްވެސް އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް