އެމްޖެމް އެޑްވޮކޭޓުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ފަށައިފި

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް (އެމްޖެމް) އެޑްވޮކޭޓުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ފަށައިފިއެވެ.

މިއީ މިންތީގެ ހަމަހަމަކަމާ ގުޅުންހުރި މަފްހޫމްތަކަށާއި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން އަދި ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދެވޭ ޕްރޮގްރާމެކެވެ. މި ސެޝަންގައި ދައުލަތުގެ އެކި އިދާރާތަކުން މުވައްޒަފުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

އެމްޖެމް އަކީ ޤައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލް ކުރުމަށް ކުރެވޭ ކަންކަން ދެނެގަނެ، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަރުދަނާކޮށް ހާސިލްކުރުމަށް އެކުލަވާލާފައިވާ ނިޒާމެކެވެ. މި ނިޒާމުގެދަށުން ހަމަހަމަކަމުގެ އުޞޫލުތަކަށް ޢަމަލުކުރުމަކީ މަދު ބަޔަކަށް ނުވަތަ ވަކި މުއައްސަސާއަކަށް ޚާއްސަ މަސައްކަތެއްކަން ޤަބޫލު ކުރުން ދޫކޮށްލާ، މިއީ ހުރިހާ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ބަލައިގަނެ، އެންމެން ގުޅިގެން ކުރެވޭ މަސައްކަތަށް ބާރު އެޅިގެން ދާނެއެވެ.

މިގޮތުން މި ނިޒާމުގެ ދަށުން އެމްޖެމް އެޑްވޮކޭޓުން އައްޔަނުކުރުމުގެ މަޤްޞަދަކީ، ދެ ޖިންސުގެ ތަފާތުތަކާއި ބޭނުންތައް ދެނެގަނެ، އެކަންކަމަށް ރިޢާޔަތްކޮށް، ޤާނޫނާއި ގަވާއިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި އަދި ޕްރޮގްރާމުތައް ހުރިހާ ދާއިރާއަކުން އެކުލަވާލުމަށް މަގުފަހިކުރުމެވެ.

މިއީ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ ޕޮލިސީ ލަނޑުދަނޑި 3 އާ އެއްގޮތްވާ ގޮތުގެ މަތިން މުއައްސަސާތަކުގެ ފަންތީގައި މިންތީގެ ހަމަހަމަ ފުރުޞަތު ތަނަވަސްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް