ކޮފްސީ ސިރަޕްގައި ކޮލިޓީ މައްސަލަތަކެއް ހުރުމުން އެ ބޭސް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި

ކޮލިޓީ މައްސަލަތަކެއް ފާހަގަވުމުން، ކޮފްސީ ސިރަޕު ރާއްޖެއަށް އިމްޕޯޓް ކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ރާއްޖޭގައި ވިއްކާ ބޭހަކީ ފެންވަރު ރަނގަޅު ބޭހެއްތޯ ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭހުގެ މާކެޓް ސާވެއިލަންސް ކުރަނިކޮށް، ކޮފްސީ ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކުރެވިފައިވާ ކަމަށާއި، އެއްވެސް ފާރމަސީއެއް ގައި މިބޭސް ހުރި ނަމަ، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެމްއެފްޑީއޭއިން ބުނީ މިބޭސް ބޭނުން ކުރުމުގެ ސަބަބުން، މިހާތަނަށް އެއްވެސް ފަރާތަކުން ޞިއްޙީ މައްސަލައެއް ދިމާވެގެން އެ އޮތޯރިޓީ އަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކަށް ސަމާލުވުމަށް ވެސް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ބޭހާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ނަމަ، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޜަންގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް