ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ.

މި ދައުރުގެ ފަހު ޖަލްސާ ބާއްވާފައިވަނީ އަންގާރަ ދުވަހުއެވެ. މިއަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި މަޖިލީހުގެ ޖުމްލަ 27 ޖަލްސާއެއް ބާއްވާފައިވާއިރު އެއީ 46 ގަޑިއިރުގެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

މަޖިލީހުގެ ތަޅުމުގައި ކުރިއަށްދާ ޖަލްސާތަކުގެ އިތުރުން ކޮމިޓީތަކުގެ މަސައްކަތްތައްވެސް ކުރިއަށްދެއެވެ. އެގޮތުން، ދެވަނަ ދައުރުގެ ތެރޭގައި ޖުމްލަ 127 ކޮމިޓީ ބައްދަލުވުންތައް ބާއްވާފައިވާއިރު މި ބައްދަލުވުންތަކުގައި 91 ގަޑިއިރާއި 29 މިނެޓް ހޭދަވި ކަމަށް މަޖިލީހުގެ ހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން ދެވަނަ ދައުރުގައި ވަނީ މިހާތަނަށް މަޖިލީހުގައި ނުނިމިހުރި ބައެއް މަސައްކަތްތައްވެސް ކުރިއަށްގެންގޮސްފައެވެ.

އެގޮތުން މަޖިލިހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެވަނަ ދައުރު ނިމުނުއިރު 24 ބިލެއްގެ މަސައްކަތް މަޖިލީހުން ކުރިއަށްގެންގޮސްފައިވެއެވެ. އޭގެތެރެއިން 7 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ގޮސްފައިވާއިރު މިއަހަރުގެ ބާކީ ދެން އޮންނާނީ އެއް ދައުރެވެ. އެ ދައުރުގެ މަސައްކަތް ފެށޭނީ އަންނަ އޮކްޓޯބަރު މަހުގައެވެ. ދައުރު ނިންމާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް