ކުރޫޒް އަދި ޔޮޓް ސެކްޓަރުގެ ޚިދުމަތްތައް ހަރުދަނާ ކުރުމާ ގުޅޭގޮތުން މިނިސްޓަރ ޠާރިޤް "މާޔާ" އާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ކުރޫޒް އަދި ޔޮޓް ދަތުރުފަތުރުގެ ސެކްޓަރަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މި ބައްދަލުވުމުގައި، ކުރޫޒް އަދި ޔޮޓް ދަތުރުފަތުރުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި، އެ ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. މީގެ ތެރޭގައި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ޤަވާއިދުތަކަށް ބަދަލުތައް ގެނައުމާއި، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވައިލެވުނެވެ.

މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ، ކުރޫޒް އަދި ޔޮޓް ސެކްޓަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު ދެ ސެކްޓަރެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި މި ސެކްޓަރުތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި، ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމަށް ބާރުއަޅުއްވާފައެވެ. މާޔާގެ ފަރާތުންވެސް މި ބައްދަލުވުމަށް މަރުހަބާ ކިޔައި، ރާއްޖޭގެ ކުރޫޒް އަދި ޔޮޓް ދަތުރުފަތުރުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުން ބޭއްވުނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކޮށް، ގިނަ ބާވަތްތަކުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް