ފެރިދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި

އއ. ފެރިދޫގައި އެމްޑަބްލިޔުއެސްސީ އިން ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފިއެވެ.

ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު އުތުރުބުރީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފެރިދޫއަށް ވަޑައިގެންއެވެ.

ފެރިދޫގައި ބޭއްވުނު އިފްތިތާޙީ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދުގެ އިތުރުން، ސަރުކާރުގެ އިސް ވަޒީރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނިގޮތުގައި، 69.33 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، ފެރިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް ޚާއްޞަ އިމާރާތެއް ޤާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކް އަޅައި، ސީ އައުޓްފޯލް އަދި ރިޖެކްޓް ލައިން ވަނީ އަޅާފައެވެ.

މީގެ އިތުރުން، ފެން ރައްކާކުރުމަށް ތާންގީ ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައްވެސް ވަނީ ޤާއިމްކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގެ ހުރިހާ ގޭބިސީތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޖަންކްޝަން ބަހައްޓައި، ކަނެކްޝަން ގުޅައިދީފައިވާއިރު، ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލްވެސް ވަނީ ފޯރުކޮށްދީފައި ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ސަބަބުން، ފެރިދޫގެ ރައްޔިތުންނަށް ރައްކާތެރި ގޮތެއްގައި ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް