"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު" މަޖިލީހަށް ހުށަހަޅައިފި

މީޑިއާ ބާރުވެރިކުރުމަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު" މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ތުޅާދޫ ދާއިރާގެ މެމްބަރެވެ.އަދި މިއީ ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ މަޤްޞަދުގައި ހުށަހެޅި ބިލެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

މި ބިލަށް މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާ، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ހުރިހާ މެންބަރުންވެސް ތާއީދުކޮށްދެއްވުން މެމްބަރު ވަނީ އެދިފައެވެ.

ރާއްޖޭގެ ބްރޯޑްކާސްޓް ކޮމިޝަންގައި މިހާރު މުޅީންވެސް ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވައިގެން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މެންބަރުންނެވެ. ނަމަވެސް މިހާރު ހުށަހެޅިފައި އެވާ ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ މެޖޯރިޓީ އޮންނާނީ މީޑިއާތަކުން އިންތިޚާބުވާ ނޫސްވެރީންނަށެވެ.

މިގޮތުން މި ކޮމިޝަންގައި ހިމެނޭ 7 މެންބަރުން ކުރެ 4 މެންބަރުން އިންތިޚާބު ކުރާނީ މީޑިއާތަކުންނެވެ.

މި ބިލުގަައި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ހައްގުތައް ލިބިދީފައިވާއިރު ތެދު ޚަބަރު މީޑިއާތަކުން ފަތުރަން މަގުފަހިކޮށްދީފައި ވާނެ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް