ޕޭރެންޓިން ޕްރޮގްރާމްގެ ޒަރީއާއިން ޢާއިލާތަކުގެ ކަންބޮޑުވުންތައް ނައްތާލުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ: ވަޒީރު

ޕޭރެންޓިންގ ޕްރޮގްރާމުގެ ބައިވެރިން، އެ ޕްރޮގްރާމުން ލިބޭ މަޢުލޫމާތު މަސައްކަތު މާހައުލުގައި ބޭނުންކުރަން ފެށުމުން، މުޖުތަމަޢުގައްޔާއި ޢާއިލާތަކުގައި ހުންނަ ކަންބޮޑުވުންތައް ނައްތާލައި، ހަމަޖެހޭ ޢާއިލާތައް ބިނާކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާއަށް ހުށައެޅޭ ކޭސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ހުނަރާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށް މިވުޒާރާއިން ކުރިއަށް ގެންދާ 5 ދުވަހުގެ ޕޭރެންޓިން ޕްރޮގްރާމް ފެސިލިޓޭޓަރ ތަމްރީން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، ވުޒާރާއަށް ހުށަހެޅޭ ޢާއިލީ މައްސަލަތަކުގައި ދިމާވާ ޢާއިލާތަކަކީ ނާޒުކު ހާލަތްކުގައިވާ ފަރާތްތައްކަމަށާއި، އެފަދަ ޢާއިލާތަކުގައި ބެލެނިވެރިންނާއި ކުދިންގެ މެދުގައި ރަނގަޅު ގުޅުމެއް ޤާއިމްކުރުމަށް ބޭނުންވާނޭ ހުނަރުތައް ދަސްކޮށްދޭންޖެހޭނީ، އޯގާތެރިކަމާއި، މަޑުމައިތިރިކަމާއެކު ކިޔާދީގެން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ހަމައެހެންމެ، ދަރިންނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ލައްވާފައިވާ އެންމެ ބޮޑު އެއް އަމާނާތްކަމަށާއި، މައިންބަފައިންގެ ފަރާތުން ދަރިންނަށް ދަސްވާ ކަންތައްތަކަކީ އެކުދިންގެ މުޅި ދިރިއުޅުން ބައްޓަން ކުރާނެ ކަންތައްތައް ކަމުގައި ވެސް ވަޒީރު ވަނީ ވާހަކަފުޅުގައި ފާހަގަކުރައްވާފައެވެ.

ތުއްތުއިރު ކުއްޖާ ބަލަހައްޓާ ފަރާތްތަކާއެކު އުފެދޭ ގުޅުމުގެ ތެރެއިން އެ ކުއްޖެއްގެ މުސްތަޤުބަލުގައި އެހެން މީހުންނާއި ގުޅުންތެރިކަން ބާއްވާނެ ގޮތް ދަސްވެގެންދާނެކަމަށާއި، ވަކި ހުދޫދުތަކެއްގެ ތެރޭގައި ކުދިން ގެންގުޅެވޭ ކަމަށް ވާނަމަ އެކުއްޖަކަށް ދަސްވާނީވެސް އެގޮތަށް ދިރިއުޅުން ބައްޓަން ކުރަން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

އަދި އެކުދިން ބޮޑެތިވެ ޢާއިލާއެއް ފަށާ ހިސާބުން ނުވަތަ މަސައްކަތު މާޙައުލަށް ނިކުންނަ އިރު މި ރަނގަޅު އާދަތައް ވެގެންދާނީ އެކުދިންގެ ފަރާތުން މުޖުތަމަޢަށް ކުރާނެ ހެޔޮ އަސަރެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ފުށުން އެކުދިން ދަސްކުރަނީ އެކުދިންގެ ފަރާތުން އަޅުގަނޑުމެން ބޭނުންވާ ހުރިހާ ސިފަތައް، އެއީ ރިވެތިކަން ވިއަސް، އަމާނާތްތެރިކަން ވިއަސް، އެހެން މީހުންނަށް ހެޔޮކޮށް ހިތުން ކަމުގައި ވިއަސް، އަދި ދިރިއުޅުމުގެ ކަންކަމުގައި ކުއްޖަކަށް އުޅެންވާ ގޮތް ދަސްވަނީ ވެސް މައިންބަފައިންގެ ފުށުން." ވަޒީރު ވިދާޅުވިއެވެ.

އެ ވުޒާރާއިން ބުނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، އަމާން މުޖުތަމަޢެއް ބިނާކުރެވޭނީ ބެލެނިވެރިންނާއި ޢާއިލާތަކާއެކު ދުޅަހެޔޮ ގުޅުންތައް ޤާއިމްކުރެވިގެން ކަމަށް ވާތީ، އެކަމަށް ބާރުއެޅުން ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް