އަލަށް ފްލެޓް ލިބޭ މީހުން އެތަންތަނަށް ދިރިއުޅުން ބަދަލުކުރަން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ބަސް ސްޓޮޕްތައް ހަދަނީ

ގެދޮރުވެރިޔާގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ފްލެޓް ލިބޭ މީހުން އެތަންތަނަށް ދިރިއުޅުން ބަދަލުކުރަން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ފަށައިފިއެވެ.

މިކަން ހާމަކޮށް އެޗްޑީސީން ވިދާޅުވީ ފްލެޓްތަކަށް މީހުން ބަދަލުވާން ފަށަންވާއިރަށް އެ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތްކުރަމުން ދަނީ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ކަމަށެވެ.

ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ މިހާރު ކުރަމުންނެވެ. މިގޮތުން މިހާތަނަށް 1200 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުންތައް ވަނީ ހަދާފައެވެ. ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންނާއެކު އެގްރިމަންޓްގެ މަސައްކަތް ނިންމާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ފްލެޓް ހަވާލުކުރުމަށް އެފްޑީސީން ވަނީ އަމާޒު ހިފާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް