ކާރިސާތައް މެނޭޖްކުރުމުގެ އެއްބަސްވުމެއްގައި އެންޑީއެމްއޭ އާއި ރެޑް ކްރެސެންޓް އިން ސޮއިކޮށްފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އާ ދެމެދު، ކާރިސާތައް މެނޭޖްކުރުމުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް (އެމް.އޯ.ޔޫ)ގައި އިއްޔެ ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އެންޑީއެމްއޭ އާއި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން :

  • ގައުމީ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ ނިޒާމްތައް ވަރުގަދަކުރުން.
  • ކާރިސާތަކަށްފަހު އެހީތެރިކަން ފޯރުކޮށްދިނުމާއި އަނބުރާ އާރާސްތުކުރުމުގެ މަސައްކަތްތައް ބައްޓަންކުރުމުގައި ގުޅުން އިތުރަށް ހަރުދަނާކުރުން.
  • ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާރިސާތަކަށް ވިލުންވެރިވެ، އަނބުރާ ގާބިލު މުޖުތަމަޢުތައް ބިނާކުރުން.
  • އެއްކޮށް ތަމްރީނުތައް ދިނުމާއި މަޢުލޫމާތު ބަދަލުކުރުމުގެ ތެރެއިން ދެފަރާތުގެ ގާބިލުކަން އިތުރުކުރުން.

އެންޑީއެމްއޭއިން ވިދާޅުވީ، މިއީ ރައްޔިތުންގެ ފުރާނަތައް ސަލާމަތްކުރުމަށާއި، ދިރިއުޅުން ރައްކާތެރިކުރުމަށް، އަދި މުސްތަގުބަލުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާ ދެކޮޅަށް ގައުމުގެ ވިލުންތެރިކަން ވަރުގަދަކުރުމަށާއި، މިފަދަ މަސައްކަތްތަކަށް ދެފަރާތުން ދެމުންދާ ސަމާލުކަމުގެ ހެއްކެއްކަމަށެވެ.

ކާރިސާތަކާ ކުރިމަތިލުމުގައި މިފަދަ ގުޅުންތަކަކީ ވަރަށް މުހިއްމު ބައެކެވެ. އެންޑީއެމްއޭ އާއި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް ދިމާވެދާނެ ކޮންމެ ކާރިސާއަކުން ރައްކާތެރިވުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް