ސީއެސްސީގެ މެންބަރު ކަމަށް ހަ ބޭފުޅެއްގެ ނަން ދިރާސާކުރުމަށް ފޮނުވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް ހަ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސް މަޖިލީހަށް ނަން ފޮނުއްވެވީ އެ ކޮމިޝަނުގެ 3 މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ 3ވަނަ ދުވަހަށް ހަމަވާތީއެވެ. އެގޮތުން، މުއްދަތު ހަމަވަނީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފްގެއެވެ.

މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާނަމަ އެ މަގާމަށް އިތުރު ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ހުށަހަޅުއްވަންޖެހެއެވެ.

އެގޮތުން މަޖިލީހަށް ހުށަހަޅުއްވަނީ އާންމުކޮށް ފުރުސަތު ހުޅުވާލައިގެން ކުރިމަތިލުމުން ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެ ކޮމިޝަނަކަށް އައްޔަން ކުރައްވަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތަކެވެ.

ސީއެސްސީގެ މެންބަރު ކަމަށް ހުޅުވާލީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި، ކޮމިޝަންގެ މެންބަރުން ކަމުގައިވާ މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެ މެންބަރު ކަމުގެ ދައުރުގެ މުއްދަތު ސެޕްޓެމްބަރު ތިން ވަނަ ދުވަހަށް ހަމަވާތީ އެވެ.

ރައީސް ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި ސީއެސްސީގެ ރައީސް މުހައްމަދު ނާސިހްގެ ނަންވެސް ހިމެނެ އެވެ.

ރައީސް ހުށަހެޅުއްވި ބޭފުޅުންގެ ނަންތައް

  • މުހައްމަދު ނާސިހް، މ. ފަލްކަންގެ
  • ޑރ. ހުސައިން ފާއިޒް، ދަފްތަރު. ނަންބަރު 1325
  • ޑރ. ދީބާ މޫސާ، މ. ވައިޓްބެލް
  • ބަދުރިއްޔާ މޫސާ، ދަފްތަރު. ނަންބަރު ރސ 2414
  • ޑރ. ފާތިމަތު މުނާ، ވާދީއާގެ، ގއ. ވިލިނގިލި
  • ޑރ. އާމިނަތު އުއްމުކުލްސޫމް، މޫންލައިޓްހައުސް، ސ. މަރަދޫ

މި ނަންތައް ދިރާސާ ކުރެއްވުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރައްވާނީ އެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ މަގާމުގެ މުއްދަތަކީ 5 އަހަރު ދުވަހެވެ. އެ ކޮމިޝަނަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް