10،000 ޓަނުގެ ފެން ރައްކާ ކުރެވޭނެ ފެންތާނގި ރަސްމީކޮށް ބޭނުންކުރަން ފަށައިފި

ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ފެންތާނގި، މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މިއަދު އިފްތިތާހުކޮށް ރަސްމީކޮށް ބޭނުންކުރަން ފަަށައިފިއެވެ.

އެމްޑަބްލިޔުއެސްސީން މައުލޫމާތު ދިން ގޮތުގައި މި ފެންތާނގިއަކީ ޖުމްލަ 10،000 ޓަނުގެ ފެން ރައްކާ ކުރެވޭނެ ފެންތާނގިއެކެވެ.

މި ފެންތާނގި ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ހައުސިންގް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު އެވެ.

ހުޅުމާލޭ ފޭސް 1 ގައި އިފްތިތާހުކުރި މި ފެންތާނގިއަކީ އެމްޑަބްލިޔުއެސްސީގެ ހުނަރުވެރި މުވައްޒަފުން ގާއިމްކުރި ފެންތާނގިއެކެވެ.

ދިގުމިނުގައި 24 މީޓަރު އުސް މި ތާނގީގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނައަހަރުގެ ސެޕްޓެންބަރުގެއެވެ.

މި ތާނގި ބޭނުން ކުރަން ފެށުމާއެކު ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު 22،600 ޓަނަށް ވަނީ އިތުރުވެފައެވެ. މިއީ ހުޅުމާލޭގައި ފެންރައްކާ ކުރެވޭ މިންވަރަށް އައި 79 އިންސައްތައިގެ ކުރިއެރުމެކެވެ.  މި ތާނގީ ބޭނުންކުރަން ފެށުމާއެކު މާލެއާއި ހުޅުމާލޭގައި ފެން ރައްކައުކުރެވޭ ޖުމްލަ މިންވަރު  36،000 ޓަނުން 46،000 ޓަނަށް ވަނީ އިތުރުވެފައެވެ.

ސިނަމާލެ ބްރިޖްމަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ 2025 ވަނައަހަރުގެ ފެބްރުއަރީމަހުގައި ވަގުތީ ގޮތުން ގުޅާލެވިފައިވުމާއެކު މި ތާނގީގެ ސަބަބުން މާލޭގެ ފެނުގެ ޚިދުމަތަށްވެސް އިތުރު ކުރިއެރުމެއް ލިބިގެން ދާނެއެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް