މާމިގިލީ ބޯޓުޔާޑްގައި އޮތް ދަނގަޑު ބޯޓެއްގައި ރޯވި އަލިފާން ނިއްވާލައިފި

އދ. މާމިގިލީ ބޯޓުޔާޑްގައި އޮތް ދަނގަޑު ބޯޓެއްގެ ވީލްހައުސްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އދ.މާމިގިލި ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އދ.މާމިގިލި ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު މިއަދު 15:28 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިކަމަށާއި މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން، ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 15:30 ހާއިރުކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އެ ބޯޓުގެ ވީލްހައުސް މަތީގައި އިން އެންޓަނާއެއް ގޭސް ކަޓަރަކުން ކަނޑަން އުޅުމުގެތެރޭގައިކަމަށާއި މި ހާދިސާގައި ރޯވި އަލިފާން، އެއްކޮށް ނިއްވާލާފައި ވަނީ މާމިގިލީ އެއާޕޯޓުގެ ފަޔަރ ފައިޓަރުންގެ އެހީތެރިކަމާ އެކުގައިކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް