ކަނޑުތައް ބެލެހެއްޓުމަށް، އިތުރު އަސްކަރީ ކަނޑު އުޅަނދުތަކެއް ލިބިގެންދާނެ: ޗީފް އޮފް ޑިފެންސް

ދިވެހިރާއްޖޭގެ ކަނޑުތައް ބެލެހެއްޓުމަށް، ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އިތުރު އަސްކަރީ ކަނޑު އުޅަނދުތަކެއް ލިބިގެންދާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް, މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެ އެވެ.

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު، "ދަރުމަވަންތަ" ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހިލްމީ ވިދާޅުވީ ޑޯގަން ކްލާސްގެ އެ މަނަވަރަކީ  ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އެންމެ ބޮޑު މަނަވަރު ކަމަށެވެ.

ރާއްޖޭގެ އަސްކަރިއްޔާ ތަރައްގީކުރުމަށްޓަކައިި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވަމުން ހިލްމީ ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް ބެލެހެއްޓުމުގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އިތުރު ކަނޑު އުޅަނދުތަކެއް ތުރުކީން އެމަނިކުފާނު ހޯއްދަވައިދެއްވާނެ ކަމަށެވެ.

"ތުރުކީވިލާތު ނޭވީގެ މަނަވަރެއް ދިވެހިރާއްޖޭގެ ދިފާއީ ބާރަށް ހޯއްދަވައިދެއްވައި ދިވެހި ކަނދުތައް ބެލެހެއްޓުމުގެ ގާބިލުކަން ހޯއްދަވައިދެއްވުމަސްޓަކައި ކައިރި މުސްތަގުބަލެއްގައި އަދި އިތުރު އަސްކަރީ ކަނޑުގެ އުޅަނދުފަހަރު އެމަނިކުފާނު އެމްއެންޑީއެފް އިން ހޯއްދަވައިދެއްވާނެ. މި މަންޒަރު ތިޔަ ބޭފުޅުންނަށް ދާދި އަވަހަށް ފެނިވަޑައިގަންނަވާނެ." ހިލްމީ ވިދާޅުވި އެވެ.

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި މި މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އަސްކަރިއްޔާއަށް އިތުރުކުރެވިގެންދިޔަ އެންމެބޮޑު އުޅަނދެވެ. މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް