"މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލް" މަޖިލީހުން ފާސްކޮށްފި

ފިކުރީ މުދާ ހިމާޔަތްކުރަން އޮފީހެއް ގާއިމްކުރަން "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލް" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއީ ޕީއެންސީ އަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ހުށަހެޅުއްވި ބިލެކެވެ.

އެގޮތުން އެ ބިލް ފާސްކުރުން 68 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މި ބިލުގެ ދަށުން ރައްކާކުރެވޭ ފިކުރީ މުދަލުގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރީއަލް ޑިޒައިން އާއި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނޭއިރު، މި ބިލުގެ ބޭނުމަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ނިޒާމެއް ގާއިމުކޮށް ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމަށް ހިތްވަރުދީ އެ ދާއިރާ ކުރިއެރުވުމެވެ. އަދި މި ބިލު ފާސްކުރުމާއެކު "މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނޫ" ވުޖޫދުވާނެއެވެ.

އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ އެންމެ އިސް ވެރިއަކަށް ހުންނާނީ ރަޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީއެވެ.

އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ މައްސޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓްރީކުރުމާއި ރަޖިސްޓްރީކުރެވޭ ފިކުރީ މުދަލާ ބެހޭ ދަފްތަރެއް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުން ހިމެނެއެވެ.

އަދި ބައިނަލްއަގްވާމީ އިންޓަލެކްޗުއަލް ޕްރޮޕަޓީ ޖަމިއްޔާތަކާ ގުޅުން ގާއިމުކޮށް، ފަންނީ އެހީއާއި ލަފާ ހޯދައި، ފިކުރީ މުދަލާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބައިވެރިވެ، ފިކުރީ މުދަލުގެ ދާއިރާއިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާ ކުރުން އެ އޮފީހުގެ މައްސޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް