ޗާޓުން އެއްކިބާކުރެވިފައި އޮތް އޮތުމަށް ނިމުން ގެންނަވައި، ކަމަދޫއަށް ތަރައްޤި ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

މާޅޮސްމަޑުލު ދެކުނުބުރިއަށް ތަރައްޤީ ގެނައުމުގައި އެ އަތޮޅު ކަމަދޫ މީގެ ކުރިން އޮތީ ލިސްޓުގެ ތަންކޮޅެއް ފަހަތުގައި ކަމަށާ، ނަމަވެސް މާތް ﷲގެ އިރާދަފުޅާއެކު، އެ ތަފާތުކުރުން ނައްތާލައި، ހަމަހަމަކަމާއެކު ތަރައްޤީ ގެނައުމުގެ ސިޔާސަތެއް ތަންފީޒުކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބ. ކަމަދޫގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސް މިފަދައިން ޔަޤީންކަންދެއްވާފައި ވަނީ، މާޅޮސްމަޑުލު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބ. ކަމަދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ކަމަދޫގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމުގައި ކުރިއަށް ވަޑައިގަންނަވާނީ، ބާކީކުރެވި، ޗާޓުން އެއްކިބާކުރެވިފައި އޮތް އޮތުމަށް ނިމުން ގެންނަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައިގެން ކަމުގެ ޔަޤީންކަންދެއްވަމުން، ރައީސް ވަނީ އަމަލީ ގޮތުންވެސް އެކަން ދައްކަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ބ. ކަމަދޫގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހިންގަވައިދެއްވާނެ މުހިންމު މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ކުޅިވަރުގެ ދާއިރާއިން، ރަށުގެ ފުޓުބޯޅަދަނޑުގައި ކުރަންހުރި މަސައްކަތްތައްވެސް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ބ. ކަމަދޫއަކީ ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ އަދި ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ރަށުގެ މަގުހެދުމުގެ މަޝްރޫޢު ހިންގުމުގައި ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ކަންކަން ކުރިއަށް ގެންދެވުމަށް އެމަނިކުފާނު ތާޢީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތްވެސް ފުރިހަމަކޮށްދެއްވައި، ގިރާ ސަރަޙައްދުގެ މައްސަލައާއި އެ ފަދަ ކަންބޮޑުވުންތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، ކަމަދޫ ސްކޫލުގެ އައު އިމާރާތަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން، ކަމަދޫއަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ ތަނަކަށް ސްކޫލް އިމާރާތް ހަދައިދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި ސީޕްލޭންގެ ޚިދުމަތް ފެށިގެން ދިއުމަކީ ވަރަށް ބޮޑު އިޤްތިޞާދީ ފައިދާއެއް ރަށަށް ކުރާނެ ކަމެއްކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ.

މި ދަތުރުފުޅުގައި، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް