މަސައްކަތުގެ ދުވެލި ހަލުވިކުރުމަށް ޓަކައި އިންސާނީ ވަސީލަތްތަކަށް ހުނަރާ ޤާބިލިއްޔަތުކަން މުހިންމު: ވަޒީރު އާދަމް ޝަރީފް

މަސައްކަތުގެ ދުވެލި ހަލުވިކުރުމަށް ޓަކައި އިންސާނީ ވަސީލަތްތަކަށް ބޭނުންވާ ހުނަރާ ޤާބިލިއްޔަތުކަން އުފެއްދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިޓީސް މިނިސްޓްރީގެ މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް، ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގެ ނަމުގައި އިއްޔެ މެންދުރުފަހު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ފެއްޓި، ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވާ ދެއްކެވިވާހަކަފުޅުގައެވެ.

އެގޮތުން، މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވިވާހަކަފުޅުގައި، މި ފަދަ ޕްރޮގްރާމްތަކަކީ ހުއްޓުމެއް ނެތި ހިންގަން ޖެހޭ ޕްރޮގްރާމްތަކެއް ކަމަށާއި އަދި މިފަދަ ޕްރޮގްރާމެއްގެ ނަތީޖާއަކަށް ވާންވީ ދަސްވާ އެއްޗެއްގެ ބޭނުން ހިފައި ބަދަލުތައް ގެނައުމަށް މަސައްކަތްކުރުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ސަރުކާރެއް ހިންގުމުގައި ސިވިލް ސަރވިސް މުވައްޒަފުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ އަދި ނަތީޖާ ނެރުމުގައި އެންމެ މުހިންމު މަސައްކަތްތައް ކުރައްވާ ފަރާތް ކަމަށެވެ.

މި ޕްރޮގްރާމް ރާވާ ހިންގަވާކަމަށް ޓަކައި ސިވިލް ސަރވިސް ކޮމިޝަނާއި، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގެ މުވައްޒަފުން ދެއްވި އެއްބާރުލެއްވުމަށް މިނިސްޓަރ ޝުކުރުއަދާކުރެއްވިއެވެ.

އިއްޔެ ފެށުނު މި ޕްރޮގްރާމުގެ ސެޝަންތައް މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. ސެޝަންތައް ކުރިއަށްދަނީ މެންދުރުފަހުގައެވެ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން އަންނަނީ މުވައްޒަފުން ތަމްރީންކުރުމަށް ޓަކައި ތަފާތު ޕްރޮގްރާމުތައް ރާވާ ހިންގަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް