10 ހާސް ޓަނުގެ ފެން އުފައްދާ ޕްލާންޓްގެ އަމަލީ މަސައްކަތް ފަށައިފި

އެމްޑަބްލިޔުއެސްސީ އިން ހުޅުމާލޭގައި، ދުވާލަކު 10 ހާސް ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މާލެ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީގެ މި މަސައްކަތް ފަށާފައިވަނީ ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ޢިމާރާތުގެ ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ އެ ކުންފުންޏަށް 29 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ 10 މުވައްޒަފުންނާއި، ކުންފުނީގެ އިސްވެރިންނެވެ.

މީގެ ތެރޭގައި މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އާއި، ކުންފުނީގެ ޗެއަރ ޕާރސަން ޝަމްހޫޒާ އަޙްމަދު އަދި ބޯޑު މެންބަރުން ހިމެނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނިގޮތުގައި، މިއަދު ފެށުނު މި އިމާރާތުގެ ފައުންޑޭޝަން ކޮންކްރީޓްގެ މަސައްކަތް ނިންމުމަށް އަމާޒުކުރެވިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށެވެ. ޢިމާރާތުގެ މަސައްކަތް ނިމުމުން، ދުވާލަކު 5,000 ޓަނުގެ ފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް މި ޢިމާރާތުގައި ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، މި އާރް.އޯ ފެސިލިޓީއަކީ މާލެ އާއި ހުޅުމާލޭގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި އެމްޑަބްލިޔުއެސްސީން ގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް