އެއްބައިވަންތަކަމަކީ މިނިވަންކަން ދިފާޢުކޮށް، ދެމެހެއްޓުމުގެ އެންމެ މުހިންމު އެއް އަސާސް: ވަޒީރު އާދަމް ނަޞީރު

ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަންކަމަކީ މިނިވަންކަން ދިފާޢުކޮށް، ދެމެހެއްޓުމުގެ އެންމެ މުހިންމު އެއް އަސާސްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ދިވެހި ދައުލަތް އުފެދުނީއްސުރެ، ދިވެހިން އައީ ޤައުމުގެ މިނިވަންކަން ކަށަވަރުކުރަމުން ކަމަށާއި، މިނިވަންކަމަކީ އެތައް ޤުރުބާނީއެއްވެ، ޕްލޭންތަކެއް ކުރެވި އެކަންކަން ތަންފީޒުކުރުމަށް ދުރު ރާސްތާއަށް ވިސްނައިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެން ހޯދޭ އެއްޗެއް ކަމަށެވެ. މި މަސައްކަތުގައި ބޭރު ޤައުމުތަކާއެކު ޚާރިޖީ ގުޅުން ވަރުގަދަކުރުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އިނގިރޭސީންގެ ޙިމާޔަތުން ރާއްޖެއަށް މިނިވަންކަން ހޯއްދަވާދެއްވުމަށްޓަކައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާޞިރު މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށްޓަކައި އެއްބައެއްގެ ގޮތުގައި ދެމިތިބުން މުހިންމުކަމެއްކަމަށާއި އަދި ޤައުމުގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ޤާއިމުކުރުމަކީ މުހިންމުކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ތަޤުރީރުގައިވެސް ރައީސް ވަނީ ދިވެހިންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ޤައުމު އެއްބައިވަންތަވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައި. އެއަށްފަހު ދިވެހިންގެ އުފަލާއި ބާއްޖަވެރިކަމަށްޓަކައި ޢުމްރާނީ ތަރައްޤީ ގެންނަވާނެކަމަށް ވިދާޅުވި." ވަޒީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް