އެމް.ޑަބްލިޔު.އެސް.ސީގެ އައު މޯބައިލް އެޕް ތައާރަފްކޮށްފި

ފެނުގެ ހިދުމަތްތަށް ފަސޭހަކަމާއެކު މެނޭޖުކުރެވޭނެ ގޮތަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) ގެ އައު އެޕް މިއަދު ހެނދުނު ތައާރަފްކޮށްފިއެވެ.

މިކަމަށްޓަކައި އެމްޑަބްލިޔުއެސްސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މޮބައިލް އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ އެ ކުންފުނީގެ ޗެއަރޕާރސަން އަލްފާޟިލާ ޝަމްޙޫޒާ އަޙުމަދު އާއި މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދުއެވެ. އަދި މިރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ ބޯޑު ޑިރެކްޓަރުންނާއި މެނޭޖްމަންޓް ޓީމުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަނަށް އިތުރު ބަދަލުތަކެއް ގެނެވިފައި މިވަނީ ޚިދުމަތްތައް ހޯދުމަށް ކައުންޓަރަށް އައުމުގެ ބަދަލުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް އެދި ހުށަހެޅުމާއި، ބިލްތަކަށް ފައިސާ ދެއްކުމާއި، އަދި އެހެނިހެން ޚިދުމަތްތައް ލިބިގަނެވޭނެ ގޮތަށް މަގު ފަހިކޮށްދިނުމަށް ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.

ފެން ކުންފުނީގެ މޯބައިލް އެޕަށް މި ގެނެވުނު ހެޔޮބަދަލުތަކާއެކު، ކުރިން އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަންއިން ލިބެމުން ދިޔަ ޚިދުމަތްތަކާއި އަދި އީ-ޕޯޓަލް މެދުވެރިކޮށް ލިބެން ހުރި ހުރިހާ ޚިދުމަތްތައް، އައު ޚިދުމަތްތަކާއެކު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ފޯރުކޮށްދެވޭނެ ކަމުގައި އެކުންފުނިން ބުނެފައިވެއެވެ.

އެމް.ޑަބް.ލިޔު.އެސް.ސީގެ އެޕްގައި ހިމެނޭ ޚިދުމަތްތައް:

1- އީފާސް މެދުވެރިކޮށް ފަސޭހަކަމާއެކު މޯބައިލް އެޕްލިކޭޝަންއަށް ލޮގިން ކުރެވުން

2- އީފާސް އިން ލޮގިން ކުރުމާއެކު އެފަރާތެއްގެ ނަމުގައިވާ ހުރިހާ މީޓަރެއް ފެންނަން ހުރުން.

3- ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް އޮންލައިންކޮށް އެދި ހުށައެޅުން.

4- ކަސްޓަމަރުން އެދިފައިވާ ޚިދުމަތްތަކުގެ ތަފްޞީލާއި، އެޚިދުމަތުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ އަދާހަމަ ވަގުތުން ބެލޭނެގޮތް ވުމާއި އެ ޚިދުމަތްތަކަށް އެޕް މެދުވެރިކޮށް ފައިސާ ދެއްކުން.

5- މަލްޓިޕޭ މެދުވެރިކޮށް އެކި އެކައުންޓުތަކުގެ ބިލްތަކަށް އެއްފަހަރާ ފައިސާ ދެއްކުން.

6- މީޓަރގެ ރީޑީންގ އާއި ފޮޓޯއެއް އަޕްލޯޑް ކޮށްލައިގެން މަހުގެ ކޮންމެ ހިސާބެއްގައިވެސް ބިލް ހެދުމަށް ރިކުއެސްޓް ކުރެވުން.

7- ސްމާޓް މީޓަރ މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުން ފެން ބޭނުންކުރަމުންދާ މިންވަރާއި ބިލަށް އަރާ ފައިސާގެ މިންވަރު ދުވަހުން ދުވަހަށް ބަލާލެވުން.

8- ސްމާޓް މީޓަރ ތަކުން އެވަގުތަކު ބިލަށް އަރާފައިވާ މިންވަރު ދެނެގަނެވުން

9- ސްމާޓް މީޓަރތަކުން އެމަހެއްގެ އަންދާޒީ ބިލްގެ މިންވަރު ދެނެގަތުން.

10- އެއް އަހަރު ދުވަހުގެ އެކައުންޓް ސްޓޭޓްމަންޓް ބަލާލެވުން

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީ ގެ އެމްޑީ މަތީން ވިދާޅުވީ، އައު ޚިދުމަތްތަކާއެކު ކުންފުނީގެ އެޕް އަލުން އާންމު ކުރުމަކީ ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ކަސްޓަމަރުން ކުންފުނީގެ ޚިދުމަތްތައް ހޯދުމުގައި ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

”މިއެޕްލިކޭޝަނަށް މިގެނެވުނު ބަދަލަކީ "މޯލްޑިވްސް 2.0" ގެ ދަށުން ކުންފުނިން ކުރިޔަށްގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބައެއް. މި ބަދަލުތަކާއި އެކު މި އެޕް ބޭނުންކުރުމުގައި ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެ ކުންފުނީގެ ޚިދުމަތްތައް އަވަސް ވެގެން ދާނެ“ އެމްޑީ މަތީން ވިދާޅުވިއެވެ.

އެމް.ޑަބްލިޔު.އެސް.ސީ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނީ އެޕްލް އެޕްސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރ މެދުވެރިކޮށެވެ. އެޕްލިކޭޝަން އާއި ގުޅުންހުރި އިތުރު މަޢުލޫމާތާއި އެހީތެރިކަން އެ ކުންފުނީގެ ކަސްޓަމަރ ސަރވިސް ހޮޓްލައިން 105 އިން ފޯރުކޮށްދެމުން ގެންދާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް http://mwsc.com.mv ގައި މި އެޕްއާ ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ޝާއިޢުކުރެވިފައިވާނެ ކަމަށް ފެން ކުންފުނިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް