އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުން ނަގައި، 16 އަހަރުގެ ކުއްޖާ ފަރުވާއަށްފަހު ދޫކޮށްލައިފި

ޖުލައި 13 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާ ވެންޓިލޭޓަރުން ނަގާފައިވާކަމަށާއި އަދި އެ އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ ފަރުވާއަށްފަހު ދޫކޮށްލައިފާވާ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، (އައިޖީއެމްއެޗް) އިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް އައިޖީއެމްއެޗުން ވިދާޅުވީ އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ ފަރުވާއަށްފަހު އިއްޔެ ދޫކޮށްލައިފާވާއިރު 40 އަހަރުގެ ފިރިހެން މީހާ ވެންޓިލޭޓަރުން ނަގާފައިވާކަމަށެވެ. އަދި އޭނާއަށް ފަރުވާދެމުންގެންދަނީ އައިސީޔޫގައިކަމަށެވެ.

މާފަންނު ބަސް ޓާމިނަލް ކުރިމަތިން ކަފިހި ހުރަސްކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި އެވަގުތު އެތަނުންދިޔަ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު ވަނީ ނިޔާވެފައެވެ. އަލްސަންއަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންކަމުގައިވާ މަރިޔަމް އަޝްފާ އާއި މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ.

40 އަހަރުގެ އެ ފިރިހެން މީހާއަކީ މަގު ހުރަސްކުރަނިކޮށް ސައިކަލުން ޖެހުނު ފަރާތެވެ. އަދި ފަރުވާއަށްފަހު މިހާރު ދޫކޮށްލާފައިވާ 16 އަހަރުގެ ކުއްޖާއަކީ އެކްސިޑެންޓުވި ސައިކަލުގެ ފަހަތުގައި އިން ކުއްޖާއެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް