ޑްރަގާއެކު ހައްޔަރުކުރި ފުލުސްމީހާއާއި ކުރީގެ ނޫސްވެރިޔާ ކޮކޭނަށް ޕޮޒިޓިވްކަން ހާމަވެއްޖެ

މަސްތުވާތަކެއްޗާ ދެކޮޅަށް މިމަހުގެ 18 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފުލުސް އޮފިސަރު އައިޝަތު ޝިޔާޒާ އާއި ކުރީގެ ނޫސްވެރިޔާ ސައިފުﷲ އަހްމަދު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކޭނަށް ޕޮޒިޓިވް ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން ހާމަވެއްޖެއެވެ.

އެ ދެމީހުން ހައްޔަރުކޮށްފައިވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޝިޔާޒާއި އާއި ސައިފުالله ހައްޔަރުކުރީ، 18 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާފަންނު ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ.

އެ ދެމީހުންގެ ބަންދު އަމުރުގައި ބުނެފައިވަނީ، ފުލުހުން ޝިޔާޒާ އާއި ސައިފުﷲ ހުއްޓުވާފައިވަނީ ދެ މީހުން މަސްތުވާތަކެތި ބަލައި ދިޔަ ވަގުތެއްގައެވެ. އެއަށްފަހު ސައިފުاللهގެ ފަހަތުގައި އިން ޝިޔާޒާގެ ދަބަސް ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކުޑަކަމުދާތަކެތި ޓެސްޓު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކޭނަށް ޕޮޒިޓިވް ކަމަށް، ބަންދު އަމުރުގައި ވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މައްސަލަ ބަލައި ނިމެންދެން ޝިޔާޒާ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ކުރީގެ ނޫސްވެރިޔާ ސައިފުﷲ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން މިދިޔަ އަހަރު ދިން އެވޯޑްގައި ލައިފްސްޓައިލް ކެޓަގަރީން އެވޯޑު ވެސް ހޯދައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް