4000 ހައުސިންގ ޔުނިޓްގެ އެއްބަސްވުންތަކުގައި މާދަމާ ސޮއިކުރަން ފަށަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައެޅުމާ ގުޅިގެން، އެފްޑީސީއިން އެ ފަރާތްތަކާއެކު، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް 21 ޖުލައި 2025 (މާދަމާ) ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

މިގޮތުން، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާއި ދެމުގެ ގަޑިތަކުގައި، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައިކަމަށާއި މި ސަރަހައްދުތައް ކަނޑައެޅުމަށްފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެންކަމަށާއި، ޔުނިޓު ލިބޭ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ވަޑައިގަންނަވަން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް ޝެޑިއުލްކޮށް، އެފަރާތްތަކަށް އެންގޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ވަޑައިގަންނަވާއިރު، އަންނަނިވި ލިޔެކިޔުންތައް ގެނައުމަށް ސަމާލުކަން ދެއްވުމަށް އެ ކޯޕަރޭޝަނުން އިލްތިމާޞްކޮށްފައިވެއެވެ.

1- ކުއްޔަށްހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް

2- ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް

3- ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް

4- ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު

5- އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް

އެފްޑީސީން ބުނީ އެ ކޯޕަރޭޝަނުން 4000 ހައުސިންގ ޔުނިޓް ތަރައްގީކޮށްފައިވާއިރު، އެ ޔުނިޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިންގ މަސައްކަތްތައް ނިންމާފައިކަމަށެވެ.

އެގޮތުން، ޔުނިޓުތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހާ، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެކަމަށާއި ދެމެހެއްޓެނިވި އިޖްތިމާޢީ ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަކީ އެފްޑީސީގެ އެންމެ ބޮޑު އަމާޒުކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް