ކުޑަހުވަދޫގައި އަޅާ ހައުސިންގ ޕްރޮޖެކްޓުގެ ބިންގާ އަޅައިފި

ދ. ކުޑަހުވަދޫގައި ތަރައްގީކުރާ "މާވޭރު" ހައުސިން ޕްރޮޖެކްޓުގެ ބިންގާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން (އާރުސީސީ) އަޅައިފިއެވެ.

ހައުސިންގ ޕްރޮޖެކްޓުގެ ބިންގާ އެޅުމަށް ކުޑަހުވަދޫގައި އިއްޔެ އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ ޢަބްދުﷲ މުއްތަލިބް އެވެ.

ވަޒީރުގެ އަރިހުގައި އާރުސީސީގެ ޗެއާމަން މުހައްމަދު ނާޒިމާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އަދި ކުޑަހުވަދޫ ކައުންސިލްގެ ރައީސް ޖާދުﷲ ހަމީދު ބައިވެރިވެވަޑައިގަތެވެ.

އާރުސީސީ އިން ކުޑަހުވަދޫގައި އަޅާނީ ފްލެޓްތައް ހިމެނޭ ދެ އިމާރާތެކެވެ. އެގޮތުން ދެ އިމާރާތުގައި ޖުމްލަ 160 އެޕާޓްމަންޓް ހިމެނޭނެކަމަށް އާރުސީސީ އިން ބުނެފައިވެއެވެ. "މާވޭރު" މަޝްރޫއުގައި މުޅިން ވެސް ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. އެންމެ ކުޑަ އެޕާޓްމަންޓުގެ ސައިޒަކީ 1117 އަކަފޫޓެވެ. އަދި، އެންމެ ބޮޑު އެޕާޓްމަންޓުގެ ސައިޒަކީ 1120 އަކަފޫޓެވެ.

އާރުސީސީ އިން ބުނީ ޓަވަރުތައް ނިމޭއިރު ޕާކެއް ތަރައްގީކުރުމާއެކު ދުއްވާ އުޅަނދު ފަސޭހައިން ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

ބޭންކު މެދުވެރިކޮށް ފްލެޓް ގަނެވޭ އުސޫލުގެ ދަށުން ފްލެޓްތައް ވިއްކަން ނިންމާފައިވާއިރު، މިހާރު ވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އާރުސީސީން ވަނީ ބުނެފައެވެ. އެގޮތުން ޖުމްލަ 1.5 މިލިއަން ރުފިޔާއަށް ވިއްކާ އެ ފްލެޓްތަކުގެ 50 އިންސައްތަ މިހާރުވެސް ވަނީ ވިކިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް