އެމްއޭސީއެލްގައި ލޯނު ދެއްކުމުގެ ގާބިލްކަން އެބަހުރި، އެ ކަމާ ދޭތެރޭ ހާސްވާކަށް ނުޖެހޭނެ: ޝަރީފް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި ލޯނު ދެއްކުމުގެ ގާބިލްކަން ފުރިހަމައަށް އެބަހުރި ކަމަށާއި، އެ ކަމާ ދޭތެރޭ އެއްވެސް މީހަކު ހާސްވާކަށް ނުޖެހޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާއިން އިއްޔެ ގެނެސްދިން "ހޭޔަންބޯ" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެމްއޭސީއެލްގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 1.1 ބިލިއަން ރުފިޔާ ލިބުނުއިރު، ޖުމްލަ ދަރަނި ހުރީ 13.4 ބިލިއަނުގައެވެ.

ހޭޔަންބޯގައި ވާހަކަދައްކަވަމުން ޝަރީފު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ދޭ ޚިދުމަތްތައް ތަރައްގީކޮށް، ވިޔަފާރީގެ ފައިދާ އިތުރު ކުރުމަށް ޓަކައި މި ދައުރުގައި ކޮށްފައިވާ ބައެއް ކަންތައްތައް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފިއުލް ހައިޑްރަންޓް ސިސްޓަމް ބޭނުންކުރަން ފެށުމުން ދުރުރާސްތާ ބޯޓުތަކަށް ތެޔޮ އަޅަން ހޭދަވާ ވަގުތުން 45 މިނެޓާއި އެއް ގަޑިއިރު ސަލާމަތް ކުރެވުނު ކަމަށް އެމްއޭސީއެލްގެ އެމްޑީ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިފުތިތާހުކުރި ފިއުލް ހައިޑްރަންޓް ސިސްޓަމަކީ ތެޔޮ ރައްކާކުރާ ތަނުން ފެށިގެން މަތިންދާ ބޯޓުތައް ޕާކުކުރާ ސަރަޙައްދާ ހަމައަށް ބިމުގެ އަޑީގައި ގާއިމުކޮށްފައިވާ 8.4 ކިލޯމީޓަރުގެ ވިއުގައެކެވެ.

ޝަރީފު ވިދާޅުވީ އެ ވިއުގައާއެކު، އިތުރު މަތިންދާބޯޓުތަކަށް ޚިދުމަތް ދިނުމުގެ ފުރުސަތު ލިބުނު ކަމަށާއި އަދި މިނިވަން ދުވަހާ ދިމާކޮށް، ޖުލައި 26ގައި ހުޅުވާ އައު ޓާމިނަލުން ޚިދުމަތްދޭން ފެށުމާއެކު އެއާޕޯޓުގެ ޑިއުޓީ ފްރީއާއި އެފްއެންބީ ޚިދުމަތުން ލިބޭ އާމްދަނީ ވެސް އިތުރުވާނެ ކަމަށެވެ.

”އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކަން ދޭން ބޭނުންވަނީ، އެމްއޭސީއެލްގައި މި ލޯނުތައް ދެއްކުމުގެ ގާބިލްކަން ފުރިހަމައަށް އެބަ އޮތޭ. އެހެންމާ އެއްވެސް ބޭފުޅަކު މިކަމާ ހާސްވެ ވަޑައިގަންނަވާނެ ކަމެއް ނެތް. އެމްއޭސީއެލްއިން މި ލޯނުތައް ދައްކައި ނިންމައިލާނެ“ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވާ ގޮތުގައި އެމްއޭސީއެލްގެ މާސްޓަޕްލޭން ބިނާވެފައި އޮތީ 2007ވަނަ އަހަރު، އިނގިރޭސިވިލާތުގެ "ސްކޮޓް ވިލްސަން ގްރޫޕް" ކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭންގެ މައްޗަށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް